Assalaam ‘Alaikum

އިސްލާމްދީން އައުމުގެ ކުރީގައި ޢަރަބިންގެ ޙާލަތު

ސުވާލާއި ޖަވާބު

1) ރަސޫލާ صلى الله عليه وسلم އިސްލާމްދީނައިގެން ވަޑައިގަތުމުގެ ކުރީގައި ދުނިޔޭގެ ޙާލަތު ބަޔާންކޮށްދީ!

ޖ. ދުނިޔެވަނީ ޖަހާލަތުގެ އަނދިރިކަމެއްގެ ތެރޭގައެވެ. ﷲގެ ހިދާޔަތަށް އިންކާރުކުރުމުގެ ސަބަބުން އެތައް ފިތުނަތަކެއްގެ ތެރޭގައެވެ. ދީނީ ހަމަނުޖެހުންތަކުގެ އިތުރުން އިޖްތިމާޢީ ހަމަނުޖެހުންތައްވެސްވަނީ ޢާއްމުވެފައެވެ. ވެރިންނާއި ސިފައިންނާއި އަޅުންގެ ގިންތީތަކަށް ބަހާލެވިފައެވެ. ސަމާވީ ރިސާލަތްތަކުގެ އަސަރުތައް މުޅިން ފުހެވި، ޕޯޕުންނާއި ދީނީ މުއްލާއިން ކުޅޭކުޅޭ އެއްޗެއްކަމުގައި ދީންވަނީ ހަދާފައެވެ. ތަޥްޙީދުގެ ކުލަވަނީ މުޅިން ފިލާފައެވެ.

2) ޢަރަބިންނަކީ ކޮބައިކަމާއި، އަދި ޢަރަބިން ކިޔުނު ސަބަބުތައްކަމަށް މުއައްރިޚުން ފާހަގަކުރާ 2 ކަމަކީ ކޮބާ؟

ޖ. ޢަރަބިންނަކީ ނޫޙު عليه السلام ގެ ދަރިކަލުން ސާމްއަށް ނިޞްބަތްވާ އުއްމަތެއްގެ އަހުލުވެރިންނެވެ. ޢަރަބިން ކިޔުނު ކަމަށް މުއައްރިޚުން ވިދާޅުވަނީ:
(ހ) އުއްމަތްތަކުގެ މެދުގައި [އިޢުރާބް] ގެ އަހުލުވެރިންގެ ގޮތުގައި މަޝްހޫރުވެފައިވުން.
(ށ) އެންމެ ފުރަތަމަ ފުޞްޙާއިން ވާހަކަދެއްކި ޔަޢުރަބް ބުން ޤަޙްޠާނުގެ ނަމަށް ނިޞްބަތްކޮށް އެނަން ކިޔުން.

3) [އިޢުރާބު] ގެ މާނައަކީ ކޮބާ؟

ޖ. ބަސްމޮށުންތެރިކަމާއި، ބަސް މަގުގައި ފަށުވިކަމާއި، ބަޔާންކުރުމުގެ ކުޅަދާނަކަމާއި ބަލާޣާތްތެރިކަމާއި ފަޞާޙަތްތެރިކަމެވެ.

އިތުރަށް ވިދާޅުވެލައްވާ…


ޘަޤާފާ އިސްލާމިއްޔާ ސުވާލު ކަރުދާސް 1

ސުވާލާއި ޖަވާބު

1) އުޞޫލު ޢިމްލުވެރިންގެ އަރިހުގައި إجماع އަކީ ކޮބާ؟

ޖ. ރަސޫލާ صلى الله عليه وسلم ސުވަރުގެ ވަޑައިގަތުމަށްފަހު ހިނގި ކަމެއްގެ ނުވަތަ ޙާދިޘާއެއްގެ ޝަރުޢީ ޙުކުމާއިމެދު, މުސްލިމުންގެ ހުރިހާ މުޖްތަހިދު ޢިލްމުވެރިން އެއްބަސްވާ އެއްބަސްވުމެވެ.

2) ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި إجماع ނުވެވޭނެ ދެކަމެއް ލިޔޭ!

ޖ. (ހ) އެކަލޭގެފާނަކީ ޝަރުޢީ ހުރިހާ ކަމެއްގައި ރުޖޫޢަވާންޖެހޭ ފަރާތް. (ޝަރުޢީ މަރްޖިޢު)
(ށ) މައްސަލައެއްގެ ޙުކުމާއިމެދު ދެބަސްވުމެއް އަދި އިއްތިފާޤުވުމެއް ތަޞައްވަރެއް ނުކުރެވުން.

3) إجماع އަކީ ޝަރުޢީ ޙުއްޖަތެއްކަން ނުވަތަ ނޫންކަން ދަލީލާއިއެކު ބަޔާންކުރޭ! (ހުރިހާ ދަލީލެއް ލާޒިމެއްނޫން)

ޖ. ޝަރުޢީ ޙުއްޖަތެއްކަމުގެ ދަލީލުތަކަކީ:
(ހ) ޤުރުއާނުގައި أولى الأمر އިންނަށް ކިޔަމަންވުމަށް އަންގަވާފައިވުން:- ސޫރަތުއް ނިސާގެ 59 ވަނަ އާޔަތުގައި أولى الأمر އަށް ކިޔަމަންތެރިވުމަށް ﷲ އެންގެވިއެވެ. މި އާޔަތުގައި أولى الأمر އަކީ އިބްނު ޢައްބާސް رضي الله عنهما އަދިވެސް އެނޫން މުފައްސިރުން ވިދާޅުވާގޮތުގައި މުޖްތަހިދު ޢިލްމުވެރިންނެވެ.
(ށ) އިސްލާމީ އުއްމަތުގެ އިއްތިފާޤުވުމަކީ ކުށުން ބަރީއަވެގެންވާ ކަމެއްކަން ޙަދީޘްއިން ޘާބިތުވުން:- لَمْ يَكُنِ اللهُ لِيَجْمِعُ أُمَّتِي عَلَى الضَّلاَلَة [ﷲ ތަޢާލާ ތިމަންކަލޭގެފާނުގެ އުއްމަތް މަގުފުރެދުމެއްގެ މައްޗަށް ޖަމާޢުވިޔަކަަ ނުދެއްވާނެއެވެ.]
(ނ) ޝަރުޢީ ޙުކުމަަކަށް ހުރިހާ މުޖްތަހިދު ޢިލްމުވެރިން إجماع ވުން ބިނާކުރެވޭނީ ޝައްކެއްނެތް ގޮތުގައި ޝަރުޢީ قَطْعِي دَلِيْل އެއްގެ މައްޗަށެވެ. ظَنِّي دَلِيْل އަކަށް މުޖްތަހިދު ޢިލްމުވެރިން އެއްބަސްވުން މުސްތަޙީލުވެގެންވެއެވެ.

އިތުރަށް ވިދާޅުވެލައްވާ…


ސައްޔިދު ސާބިޤް ލިޔުއްވި فقه السنّة ފޮތުން

التَيَمّم (ތަޔައްމަމް)

ސުވާލާއި ޖަވާބު

1) التَيَمّم ގެ ލުޣަވީ އަދި ޝަރުޢީ މާނައަކީ ކޮބާ؟

ޖ. ބަހުގެ މާނައަކީ ޤަޞްދުކުރުމެވެ. ޝަރީޢަތުގައި ނަމާދާއި އެފަދަކަންކަން ހުއްދަކޮށްގަތުމުގެ ނިޔަތުގައި، މޫނާއި ދެއަތުގައި ފުހެލުމެވެ.

2) ތަޔައްމަމް ޝަރުޢުވުމުގެ ދަލީލަކީ ކޮބާ؟

ޖ. ސޫރަތުއް ނިސާގެ 43 ވަނަ އާޔަތުގައި ﷲ ވަހީކުރެއްވިއެވެ. وَإِنْ كُنْتُمْ مَرْضَى أَوْ عَلَى سَفَرٍ أَوْ جَاءَ أَحَدٌ مِنْكُمْ مِنَ الْغَائِطِ أَوْ لامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ إِنَّ اللَّهَ كَانَ عَفُوًّا غَفُورًا މާނައީ [އަދި ތިޔަބައިމީހުން ބަލިވެއުޅޭމީހުން ކަމުގައިވާނަމަ، ނުވަތަ ދަތުރެއްގެ މަތީގައި، ނުވަތަ ކުޑަގިފިލިން ނުވަތަ މާގިފިލިން އަވަދިވެގެން ތިޔަބައިމީހުންކުރެ މީހަކު އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ، ފަހެ ތިޔަބައިމީހުންނަށް ފެން ނުލިބިއްޖެނަމަ، ފަހެ ސާފު ޠާހިރުވެލި ތިޔަބައިމީހުން ޤަޞްދުކޮށް އެވެލިން ތަޔައްމަމުކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ އަތްތަކާއި މޫނުތަކުގައި ފުހޭށެވެ! ހަމަކަށަވަރުން ﷲއީ ޢަފޫކުރައްވާ ފާފަފުއްސަވާ ރަސްކަލާނގެއެވެ.]
އަދި ސުންނަތުން، އަބޫ އުމާމާ رضي الله عنه ގެ ޙަދީޘްއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. [މުޅިބިން ތިމަންކަލޭގެފާނަށްޓަކައި އަދި ތިމަންކަލޭގެފާނުގެ އުއްމަތަށްޓަކައި ޠާހިރުވެވޭ ތަނެއްކަމުގައްޔާއި މިސްކިތްކަމުގައި ލެއްވިއެވެ.] (އަޙްމަދު)
އަދި ތަޔައްމަމް މަޝްރޫޢުވެގެންވުމުގެ މައްޗަށް އުއްމަތުގެ އެންމެހާ ދަންނަބޭކަލުން އިޖުމާޢުވެގެންވެއެވެ.

އިތުރަށް ވިދާޅުވެލައްވާ…


ސައްޔިދު ސާބިޤް ލިޔުއްވި فقه السنّة ފޮތުން

الإِسْتِحَاضَة (ވަކިވަގުތެއްނެތި އަންނަ ލޭ)

ސުވާލާއި ޖަވާބު

1) إِسْتِحَاضَة އަކީ ކޮބާ؟

ޖ. އެއީ ވަކިވަގުތެއް ނެތި އައިސް އައިސް ހުންނަ ލެއެވެ.

2) އިސްތިޙާޟާގެ ޙާލަތްތަކަކީ ކޮބާ؟

ޖ. އިސްތިޙާޟާގެ ލޭގެ 3 ޙާލަތެއްވެއެވެ. އެއީ:
(1) ޙައިޟުގެ މުއްދަތު އެނގިފައިވުމާއިއެކު، އެއަށްވުރެއް އިތުރުވެއްޖެކަން އޭނާއަށް އެނގުން: މިފަދަ އަންހެނާ ޙައިޟުގެ މުއްދަތުކަމުގައި ބަލާނީ ކުރިންވެސް ޙައިޟުގައިވާ މުއްދަތަށެވެ. އަދި އޭގެފަހުން އެއީ އިސްތަޙާޟާ ކަމުގައެވެ.
(2) ޙައިޟުގެ މުއްދަތު އެނގިފައި ނުވުމާއިއެކު، ލޭއައުން ނުހުއްޓުން: މިފަދަ އަންހެނާއަށް އެއީ ޙައިޟުގެ ނުވަތަ އިސްތިޙާޟާގެ ލޭކަމެއް ކަނޑައަޅާކަށް ނޭނގެއެވެ. އޭނާގެ ޙައިޟުގެ މުއްދަތަކީ 6 އެއް ނުވަތަ 7 ދުވަސް ކަމުގައި ބަލާނީއެވެ. އެއީ ޢާއްމުކޮށް އަންހެނުންގެ ޙައިޟުގެ މުއްދަތެވެ. އަލްޚައްޠާބީ ވިދާޅުވާގޮތުގައި، މިއީ ޙައިޟުވާން ފަށައިގަންނަ އޭގެ މުއްދަތު ކަނޑައަޅަން ނޭނގޭ އަންހެނާއަށްވާ ގޮތެކެވެ.
(3) ޙައިޟުގެ މުއްދަތު ކަނޑައަޅަން ނޭނގުނަސް، ޙައިޟުގެ ލެއާއި އެނޫން ލޭ ވަކިކުރަން އެނގުން: އެފަދަ އަންހެނާއަށް ލޭގެ ކުލައިން ނުވަތަ އެނޫން ގޮތްގޮތުން ލޭ ވަކިކުރަން އެނގެއެވެ. އެފަދަ އަންހެނުން އެ ތަފާތުގެ މައްޗަށް ބަލައި ޢަމަލުކުރާނީއެވެ. ޙައިޟުގެ ލޭކަން އެނގިއްޖެނަމަ، ނަމާދާއި ރޯދަހިފުމުން ދުރުހެލިވާނީއެވެ.

އިތުރަށް ވިދާޅުވެލައްވާ…


ސައްޔިދު ސާބިޤް ލިޔުއްވި فقه السنّة ފޮތުން

النِّفَاس (ވިހެއުމާއި ގުޅިގެން އަންނަ ލޭ)

ސުވާލާއި ޖަވާބު

1) نفاس އަކީ ކޮބާ؟

ޖ. އެއީ ވިހެއުމާއި ގުޅިގެން އަންހެނާގެ ކުރިމަތިފަރާތުން ނުކުންނަ ލެއެވެ. އަދި ބައިގެން ދިއުމާއި ގުޅިގެންވެސް މިލޭ އާދެއެވެ.

2) ނިފާސްގެ މުއްދަތަކީ ކޮބާ؟

ޖ. ނިފާސްގެ މަދުމިނެއް ނުވެއެވެ. ވިހެއުމަށްފަހު އެވަގުތުން ވަގުތަށް ލޭ ހުއްޓިވެސް ދާނެއެވެ. އަދި ލޭ ނުވެސް އައިސްފާނެއެވެ. އެހިސާބުން ނިފާސްކަން ނިމުނީއެވެ. އަދި އޭނާގެ މައްޗަށް ނަމާދުކުރުމާއި، ރޯދަހިފުމާއި އަދި އެހެނިހެން އަޅުކަންތައް ކުރުން ވާޖިބުވެގެންވާނެއެވެ.
ނިފާސްކަމުގެ ދިގުމުއްދަތަކީ 40 ދުވަހެވެ. އުއްމު ސަލަމާ رضي الله عنها ގެ ޙަދީޘްގައިވާގޮތުގައި، ރަސޫލާ صلى الله عليه وسلم ގެ ދުވަސްވަރު ނިފާސްވެރިން 40 ދުވަސް ވަންދެން މަޑުކުރައްވައެވެ. (ނަސާއީ ފަޔަވައި އަލްޚަމްސާ ރިވާކުރެއްވި) މި ޙަދީޘް ގެންނެވުމަށްފަހު، އައްތިރްމިޛީ ވިދާޅުވިގޮތުގައި، ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީންނާއި، ތާބިޢީންގެ ޢިމްލުވެރިން އިޖްމާޢުވެލައްވާގޮތުގައި، 40 ދުވަހުގެ ކުރިން ޠުހުރު ނުވެއްޖެނަމަ، އޭނާ ނަމާދުކޮށްގެން ނުވާނެއެވެ. އަދި 40 ދުވަސް ވުމަށްފަހު ލޭ ފެނިއްޖެނަމަ، ހިނައިގަނެ ނަމާދުކުރާނީއެވެ. އެހެނީ ގިނަ ޢިލްމުވެރިން ވިދާޅުވާގޮތުގައި، 40 ދުވަސް ފަހުން ނަމާދު ނުކޮށް ހުރުމެއް އޭނާއަކަށް ނުވެއެވެ.

އިތުރަށް ވިދާޅުވެލައްވާ…


ސައްޔިދު ސާބިޤް ލިޔުއްވި فقه السنّة ފޮތުން

الْحَيْض (މައްސަރުކަންތައް)

ސުވާލާއި ޖަވާބު

1) حَيْض ގެ ލުޣަވީ އަދި ޝަރުޢީ މާނައަކީ ކޮބާ؟

ޖ. ބަހުގެ މާނައަކީ އޮހިގެން ދިއުމެވެ. ޝަރީޢަތުގައި އޭގެ މާނައަކީ ވިހެއުމާއި އަދި އެނޫންވެސް ސަބަބެއްނެތި، އަންހެނާ ހެޔޮ ޞިއްޙަތުގައިހުރެ، އޭނާގެ ކުރިމަތިފަރާތުން އަންނަ ލެއެވެ.

2) ޙައިޟުގެ ވަގުތަކީ ކޮބާ؟

ޖ. ގިނަ ޢިލްމުވެރިން ދެކެލައްވާގޮތުގައި، އަންހެނާގެ ޙައިޟުވުން ފެށެނީ އޭނާ ބާލިޣުވުމަށްފަހު ޢުމުރުން 9 އަހަރުގައެވެ. ބާލިޣުވުމުގެ ކުރިން ލޭ ފެނިއްޖެނަމަ، އެއީ ޙައިޟުގެ ލޭ ކަމުގައެއް ނުވާނެއެވެ. އެހެނަސް ބެލެވޭނީ ކޮންމެވެސް މައްސަލެއް ހުރެގެން އައި ލެއެއްކަމުގައެވެ.

3) ޙައިޟުގެ ލޭގައި ހުރުން ޝަރުޠުވެގެންވާ ކުލަތަކަކީ ކޮބާ؟

ޖ. (1) ކަޅުކުލަ.
(2) ރަތްކުލަ: އެއީ އޭގެ އަޞްލު ކުލައެވެ.
(3) ރީނދޫކުލަ: ދޮސްފަދަ ފެންކުލައެކެވެ.
(4) މުށިކުލަ: ހުދުކުލައާއި ކަޅުކުލައާއި ދެމެދު ކުލައެކެވެ.

އިތުރަށް ވިދާޅުވެލައްވާ…


ސައްޔިދު ސާބިޤް ލިޔުއްވި فقه السنّة ފޮތުން

الغُسْل (ހިނެއުން)

ސުވާލާއި ޖަވާބު

1) الغسل (ހިނެއުން) ގެ ޝަރުޢީ މާނައަކީ ކޮބާ؟ އަދި ހިނެއުން ޝަރުޢުވެގެންވުމުގެ ދަލީލަކީ ކޮބާ؟

ޖ. އެއީ ވަކި ނިޔަތަކާއިއެކު، މުޅި ހަށިގަނޑަށް ފެން އޮހޮރާވާލުމެވެ. ޝަރުޢުވުމުގެ ދަލީލަކީ މާއިދާ ސޫރަތުގެ 6 ވަނަ އާޔަތުގައިވާ ﷲގެ ބަސްފުޅެވެ. وَإِن كُنْتُمْ جُنُباً فَاطَّهَّرُواْ މާނައީ [އަދި ތިޔަބައިމީހުން ބޮޑުޙަދަޘް ވެރިވެފައިވާނަމަ، ޠާހިރުވާށެވެ! (އެބަހީ ފެންވަރާށެވެ!)]

2) ހިނެއުމުގެ ޙުކުމަކީ ކޮބާ؟

ޖ. ބައެއް ޙާލަތުގައި ވާޖިބެކެވެ. އަދި ބައެއް ޙާލަތުގައި މުސްތަޙައްބު (ސުންނަތް)ވެގެން ވެއެވެ.

3) ހިނައިގަތުން ވާޖިބުވާ ކަންތައްތަކަކީ ކޮބާ؟

(1) ފިރިހެނެއް ނުވަތަ އަންހެނެއް، ހޭލާހުރުމުގެތެރޭގައި ނުވަތަ ނިދުމުގެތެރޭގައި، ޝަހުވަތަކާއިއެކު މަނި ބޭރުވުން: އަންހެނުން އިޙްތިލާމްވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް ހިނައިގަތުންވޭތޯ ރަސޫލާ صلى الله عليه وسلم އާއި އުއްމު ސުލައިމް ސުވާލުދެންނެވުނެވެ. އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. [އާނއެކެވެ! އަންހެނާ ފެން ދެކެފިނަމައެވެ.] (ދެޝައިޚުން) މީގެތެރެއިން:

އިތުރަށް ވިދާޅުވެލައްވާ…


ސައްޔިދު ސާބިޤް ލިޔުއްވި فقه السنّة ފޮތުން

الوضوء (ވުޟޫއު)

ސުވާލާއި ޖަވާބު

1) ވުޟޫއަކީ ކޮބާ؟

ޖ. ފެނުން ޙާޞިލުވާ ޠާހިރުވުމެކެވެ.

2) ވުޟޫއު ޝަރުޢުވެގެން ވުމުގެ ދަލީލަކީ ކޮބާ؟

ޖ. (ހ) ޤުރްއާނުން: އަލްމާއިދާ ސޫރަތުގެ 6 ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ. يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ މާނައީ [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދުކުރުމަށް ގަޞްދުކުރާހިނދު، ފަހެ ތިޔަބައިމީހުންގެ މޫނުތައް ދޮންނާށެވެ! އަދި ތިޔަބައިމިހުންގެ އަތްތައް ދެއުޅަނބޮށިކައްޓާއެކު ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި ފެން ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކައްޓާއެކު ދޮންނާށެވެ!]
(ށ) ސުންނަތުން: އަބޫ ހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. [ތިޔަބައިމީހުންކުރެ މީހަކު ވުޟޫއު ގެއްލިއްޖެނަމަ، ވުޟޫއުކޮށްފުމަށް ދާންދެން ތިޔަބައިމީހުންކުރެ މީހެއްގެ ނަމާދު ﷲ ޤަބޫލުނުކުރައްވާނެއެވެ.] (ޝައިޚާން، އަބޫދާވޫދު އަދި އައްތިރްމިޛީ ރިވާކުރެއްވި)
(ނ) އިޖުމާޢު: ރަސޫލާ صلى الله عليه وسلم ގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް އެންމެހާ މުސްލިމު ދަންނަބޭކަލުންވަނީ ވުޟޫ ޝަރުޢުވުމުގެ މައްޗަށް އެއްބަސްވެވަޑައިގެންފައެވެ.

އިތުރަށް ވިދާޅުވެލައްވާ…


سُورَةُ الزَّلْزَلَة ގެ ތަފްސީރު

ސުވާލާއި ޖަވާބު

1) سورة الزّلزلة ބާވާލެއްވުނީ ކޮންތަނެއްގައި؟

ޖ. މައްކާގައެވެ.

2) سورة الزّلزلة އަށް މިނަން ކިޔުނީ ކީއްވެ؟

ޖ. އެއީ ޤިޔާމަތްދުވަހުގައި އަންނަ ބޮޑު ބިންހެލުމުގެ ވާހަކަ މިސޫރަތުގައި ނަންގަނެވިފައިވާތީއެވެ.

سورة الزّلزلة ގެ މައިގަނޑު ބައިތަކަކީ ކޮބާ؟

ޖ. (ހ) ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ ވާހަކައެވެ. ޚާއްޞަކޮށް އެދުވަހުގެ ބޮޑު ބިންހެލުމުގެ ވަހަކައެވެ.
(ށ) ޤިޔާމަތްދުވަހުން ބިންގަނޑު ކަންތައް ކުރާނެ ގޮތް.
(ނ) ޤިޔާމަތްދުވަހުން މަޙުޝަރުގެ މައިދާނަށް އެންމެހާ މަޚްލޫޤުން ޖަމަޢުކުރެވި، ޙިސާބު ބެއްލެވޭނެގޮތް.

އިތުރަށް ވިދާޅުވެލައްވާ…


ސައްޔިދު ސާބިޤް ލިޔުއްވި فقه السنّة ފޮތުން

السُّؤَرُ (ބުއިމަށްފަހު ބާކީހުންނަ ފެން)

ސުވާލާއި ޖަވާބު

1) السُّؤَرُ އަކީ ކޮބާ؟ އަދި އެ ބެހިގެންވާ ބައިތަކަކީ ކޮބާ؟

ޖ. އެއީ ބުއިމަށްފަހު ތަށީގައި ބާކީ ހުންނަ ފެނެވެ. އޭގެތެރޭގައި:
(ހ) އާދަމްގެ ދަރީން ބުއިމަށްފަހު ހުންނަ ބާކީ.
(ށ) އެތަކެތީގެ މަސްކެވޭ ތަކެތި ބޮއެފައިހުންނަ ބާކީ.
(ނ) ބަޣަލާއި، ޙިމާރާއި، މިނިކާ ޖަނަވާރާއި އަދި ޝިކާރަކޮށް ކައިއުޅޭ ދޫނި ބޮއެފައިހުންނަ ބާކީ.
(ރ) ބުޅާ ބޮއެފައިހުންނަ ބާކީ.
(ބ) ކުއްތާ އަދި އޫރު ބޮއެފައިހުންނަ ބާކީ.

2) އާދަމުގެ ދަރިޔަކު ބުއިމަށްފަހު ހުންނަ ބާކީ ފެނުގެ حكم އަކީ ކޮބާ؟

ޖ. މުސްލިމަކު، ކާފިރަކު، ޖުނުބުވެރިއަކު އަދި ޙައިޟުވެރިއަކު ބޮއެފައިހުންނަ ފެން طاهر އެވެ.

3) ﷲގެ ވަޙީ ބަސްފުޅު، يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْمُشْرِكُونَ نَجَسٌ [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މުޝްރިކުން ވާކަން ކަށަވަރީ ނަޖިސްބަޔަކުކަމުގައެވެ.] މިއާޔަތުގައިވާ ނަޖިސްކަމުގެ މުރާދަކީ ކޮބާ؟

ޖ. މުރާދުކުރެވެނީ މަޢުނަވީ ނަޖިސްކަމެވެ. ބާޠިލު ޢަޤީދާގެ އަދި މުޑުދާރު ހަޑިތަކެތިން އެއްކިބާނުވެ ތިބުމުންނެވެ. އެމީހުންގެ ހަށިގަނޑާއި ގެންގުޅޭ ތަކެތި ނަޖިހެއް ނޫނެވެ. މިކަމުގެ ދަލީލަކީ އެމީހުންގެ ވަފުދުތައް ރަސޫލާ (صلى الله عليه وسلم) ގެ އަރިހަށް އައިސް މިސްކިތްކޮޅަށް ވަދެއުޅުމެވެ. އަދި އެމީހުންގެ ހަށިތައް ޖެހެނު އެއްވެސް ތަނެއް ދޮންނާކަން އެކަލޭގެފާނު (صلى الله عليه وسلم) އަމުރެއް ނުކުރައްވައެވެ.

އިތުރަށް ވިދާޅުވެލައްވާ…


عَائِشَة رضي الله عنها

އަޞްލު ނަންފުޅު: ޢާއިޝަތު ބިންތި އަބީ ބަކްރު (عائشة بنت أبي بكر)
ޝަރަފުވެރި ނަންފުޅު (ކުންޔާ): އުއްމު ޢަބްދުﷲ (أمّ عبد الله)
ބައްޕާފުޅު: أبو بكر الصدّيق رضي الله عنه (ޢުމަރުގެފާނު)
މަންމަފުޅު: أم رومان بنت عامر رضي الله عنها
އިސްލާމްވެވަޑައިގަތުން: އުފަންވެވަޑައިގަތީ އިސްލާމްދީނުގެ މަތީގައި.
ރިވާކުރެވުނު ޙަދީޘްގެ ޢަދަދު: 2210 ހަދީޘް, އޭގެތެރެއިން 316 ޙަދީޘް ޞަޙީޙުލް ބުޚާރީ އަދި ޞަޙީޙް މުސްލިމްގައިވޭ.
އަވަހާރަވުން: ހިޖުރައިން 57 ވަނަ އަހަރު, ޢުމުރުފުޅުން 65 އަހަރުގައި.
އިތުރު މައުލޫމާތު:

- އުއްމު ޢަބްދުﷲ (أمّ عبد الله) – މިނަން ދެވުނީ އެކަމަނާގެ އެއްބަނޑު އެއްބަފާ ދައްތަ އަސްމާ ބިންތި އަބީ ބަކްރު رضي الله عنها ގެ ދަރިކަލުން ޢަބްދުﷲ އަށް ނިޞްބަތްކޮށެވެ.
- އެންމެ ޢިލްމުވެރި އަންހެން ޞާޙިބާއެވެ. އެންހެނުންނާއި ގޭތެރޭގެ މައްސަލަތަކާއި އެނޫން އެތައް މައްސަލަތަކެއް އިސްލާމީ ޘަޤާފަތަށް އެކަމަނާގެ ސަބަބުން އިތުރުވެގެންދިޔައެވެ.

އިތުރަށް ވިދާޅުވެލައްވާ…


سُورَةُ الشَّرْح ގެ ތަފްސީރު

ސުވާލާއި ޖަވާބު

1) سورة الشّرح ބާވާލެއްވުނީ ކޮންތަނެއްގައި؟

ޖ. ހިޖުރައިގެ ކުރިން މައްކާގައެވެ. އަދި ސޫރަތުއް ޞުޙާގެ ފަހުންނެވެ.

2) سورة الشّرح ގެ މައިގަނޑު ބައިތައް ތަފްޞީލުކޮށްދީ!

ޖ. (ހ) ﷲ ގެ ޙަޟްރަތުގައި ރަސޫލުﷲ صلى الله عليه وسلم ގެ މަޤާމް އަދި ދަރަޖަ އުފުލިގެންވާކަމުގެ ވާހަކަ.
(ށ) މުޙައްމަދު صلى الله عليه وسلم އަށް ދެއްވެވި ނިޢުމަތްތައް. (އީމާންކަމުން ހިއްޕުޅު ފުރުއްވުން, ޢިލްމާއި ޙިކްމަތުން ހިއްޕުޅު އުޖާލާކުރެއްވުން, ކުއްފާފަތަކާއި ހަވާނަފްސުގެ އެދުންތަކުން ޠާހިރުކުރެއްވުން) މިކަންކަން މިންވަރުކޮށްދެއްވީ މައްކާގެ މުޝްރިކުންގެ ކިބައިން އެކަލޭގެފާނަށް ތަސައްލީ ދެއްވައި ހިތްހަމަޖައްސަވައި ދެއްވެވުމަށެވެ.
(ނ) އެކަލޭގެފާނު صلى الله عليه وسلم ގެ ނަންފުޅު ދުނިޔެއާއި އާޚިރަތުގައި އުފުއްލަވާ މަތިވެރިކުރެއްވުން. (ޝަހާދަތުގެ ފަހު ކަލިމާގައި, ބަންގީގައި, ޚުޠުބާގައި…)
(ރ) މައްކާގައި މުސްލިމުން އުޅުނު ދަތި ޙާލާއި, މުއުމިނުންނަށް ކުރިމަތިވި އިމްތިޙާނުތަކުން ހިތްހަމަޖެއްސެވުމަށްޓަކައި, ކޮންމެ ދަތިކަމަކާއި ބުރަކަމަކަށްފަހު ލުއެއް އަންނާނެކަން ހަނދުމަކޮށްދެއްވުން.
(ބ) ސޫރަތުގެ ނިމުމުގައި, ދަޢުވަތާއި ރިސާލަތުގެ މަސައްކަތް ނިމުމާއިއެކު އެކަމަށް ޝުކުރުވެރިވުމުގެ ގޮތުން އަޅުކަމަށް ހުސްވުމަށް އެކަލޭގެފާނަށް ހަނދުކޮށްދީފައިވުން.

އިތުރަށް ވިދާޅުވެލައްވާ…


مخارج الحروف (އަކުރުތަކުގެ މަޚްރަޖުތައް)

ސުވާލާއި ޖަވާބު

1) މަޚްރަޖަކީ ކޮބާ؟

ޖ. ނިކުންނަތަނެވެ. ތަޖްވީދުގައި ނަމަ، އަކުރު އަދާކުރެވޭ ތަނެވެ. (މިސާލަކަށް: ދޫ، ތުންފަތް، ކަރު، ދަތް، ތަލި)

2) ء އަދި هـ އަދާކުރާނީ ކޮންތާކުން؟

ޖ. ނޭވާހޮޅީގެ މަތީބައިންނެވެ.

3) ب، م އަދި و އަދާކުރަނީ ކޮންތާކުން؟

ޖ. ب : ދެ ތުންފަތުގެ ތެތް ބައިންނެވެ.
م : ދެ ތުންފަތުގެ ހިކި ބައިންނެވެ.
و : ދެ ތުންފަތް ވަށްކޮށްގެންނެވެ.

އިތުރަށް ވިދާޅުވެލައްވާ…


النِّفَاق (ނިފާޤުކަން)

ސުވާލާއި ޖަވާބު

1) النِّفَاق ކަމަކީ ކޮބާ؟

ޖ. އިސްލާމްކަމާއި އީމާންކަމުގެ އަސަރުތައް މުސްލިމުންނަށް ބޭރުފުށުން ފާޅުކުރުމާއެކު، ހިތުން އެކަންކަމަށް އިންކާރުކުރުމެވެ.

2) ﷲއަށާއި ރަސޫލާ صلى الله عليه وسلم އަށާއި އާޚިރަތް ދުވަހަށް އީމާންވާކަމަށް މުނާފިޤުން ފާޅުކުރިނަމަވެސް، އެމީހުންގެ ހިތްތަކުން އެކަން ޤަބޫލު ނުކުރާކަން ހާމަކުރައްވާ ﷲ ވަޙީކުރެއްވީ ބަސްފުޅަކީ ކޮބާ؟

ޖ. އަލްމުނާފިޤޫން ސޫރަތުގެ 1 ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ. إِذَا جَاءَكَ الْمُنَافِقُونَ قَالُوا نَشْهَدُ إِنَّكَ لَرَسُولُ اللَّهِ وَاللَّهُ يَعْلَمُ إِنَّكَ لَرَسُولُهُ وَاللَّهُ يَشْهَدُ إِنَّ الْمُنَافِقِينَ لَكَاذِبُونَ މާނައީ [މުނާފިޤުން ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެނަމަ އެބައިމީހުން ބުނެއެވެ. [ހަމަކަށަވަރުން ކަލޭގެފާނަކީ ﷲގެ ރަސޫލާކަމަށް އަހަރެމެން ހެކިވަމެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ ﷲގެ ރަސޫލާކަން ﷲ ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން މުނާފިޤުންނަކީ ދޮގުވެރިބައެއްކަމަށް ﷲ ހެކިވެވޮޑިގަންނަވައެވެ.]

އިތުރަށް ވިދާޅުވެލައްވާ…


سُورَةُ الغَاشِيَة ގެ ތަފްސީރު

ސުވާލާއި ޖަވާބު

1) ސޫރަތުލް ޣާޝިޔާ ބާވާލެއްވުނީ ކޮންތަނެއްގައި؟

ޖ. މައްކާގައެވެ.

2) سورة الغاشية ގެ މައިގަނޑު ބައިތަކަކީ ކޮބާ؟

ޖ. (ހ) ޤިޔާމަތް ދުވަހުގެ ވާހަކަ (ނަރަކަ އާއި ސުވަރުގޭގެ ވާހަކަ)
(ށ) ކާއިނާތުގައިވާ ތަކެތި ﷲ ގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަމަށް ހެކިދިނުން.
(ނ) ރަސޫލާ صلى الله عليه وسلم ގެ އަދި ޢިލްމުވެރިންގެ މަސްޢޫލިއްޔަތު.
(ރ) ޙައްޤަށް ދެކޮޅުހަދާ ކާފިރުވީމީހުންނަށް ޙައްޤުވެގެންވާ ޖަޒާ ﷲ ދެއްވާނެކަން.

3) سورة الغاشية ގެ މާތްކަމާ ބެހޭގޮތުން އެނގެނީ ކޮންކަމެއް؟

ޖ. ރަސޫލާ صلى الله عليه وسلم ހުކުރު ނަމާދުގައި ސޫރަތުލް ޣާޝިޔާ ވިދާޅުވާކަމަށް, އައްނުޢުމާން ބުން ބަޝީރު ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވެލައްވާ…


سُورَةُ الضُّحَى ގެ ތަފްސީރު

ސުވާލާއި ޖަވާބު

1) سورة الضّحى ބާވާލެއްވުނީ ހިޖުރައިގެ ކުރިންތަ؟

ޖ. ހިޖުރައިގެ ކުރިންނެވެ. މައްކާގައެވެ. ސޫރަތުލް ފަޖްރުގެ ފަހުންނެވެ.

2) سورة الضّحى ބާވާލެއްވުނު ސަބަބު ބަޔާންކުރޭ!

ޖ. ރަސޫލުﷲ صلى الله عليه وسلم އަށް ބާވާލެއްވެން ފެއްޓުނު ވަޙީ މެދުކެނޑުމާއި ގުޅިގެން, އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ އެކަލޭގެފާނު ދޫކޮށްލައިފިކަމަށް, އަދި އަޅާނުލާކަށް މީސްތަކުން ވާހަކަދައްކަން ފެށިއެވެ. އެކަލޭގެފާނު صلى الله عليه وسلم އެކަމުގެ ހިތާމަކުރެއްވުން އިތުރުވެގެން ދިޔަހިނދު, މިސޫރަތް ބާވާލެއްވުނެވެ. އެއީ އެކަލޭގެފާނު صلى الله عليه وسلم ދޫކޮށް ނުލައްވާކަމާއި އަދި އެކަލޭގެފާނުގެ صلى الله عليه وسلم މައްޗަށް ކޯފާވެވޮޑިގެން ނުވާކަން ހާމަކޮށް އެންގެވުމަށްޓަކައެވެ.

3) سورة الضّحى ގެ މައިގަނޑު ބައިތަކަކީ ކޮބާ؟

ޖ. (ހ) ރަސޫލާ صلى الله عليه وسلم ގެ މަތިވެރިކަން ހާމަކޮށްދެއްވާ, އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނު ދޫކޮށްލައްވައިފިކަމަށް މުޝްރިކުން ބުނަމުން ދިޔަ ބަސްތަކަށް ރައްދުދެއްވާ އެކަން ކަށަވަރުކޮށްދެއްވާ ހުވާކުރެއްވުން.
(ށ) ދުނިޔޭގައި އަދި ޚާއްޞާކޮށް އާޚިރަތުގައި ދެއްވާނެ ނިޢުމަތްތަކުގެ އުފާވެރި ޚަބަރު ދެއްވެވުން.
(ނ) ރަސޫލާ صلى الله عليه وسلم ގެ ތުއްޕުޅު އިރުގެ ޙާލުކޮޅާއި, އެހިނދު ﷲ އެކަލޭގެފާނަށް ދެއްވި ޢިނާޔަތްތަކުގެ މިސާލުން ހަނދުމަކޮށްދެއްވުން.
(ރ) ރަސޫލާ صلى الله عليه وسلم އަށް ތުއްޕުޅު އިރު ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވުމަށްޓަކައި, އަދާކުރަންޖެހޭ ޒިންމާތަކުގެ އިރުޝާދުދެއްވުން.

އިތުރަށް ވިދާޅުވެލައްވާ…


العِصْياَن (ނުކިޔަމަންތެރިކަން)

ސުވާލާއި ޖަވާބު

1) العِصْياَن ގެ ލުޣަވީ އަދި އިޞްޠިލާޙީ މާނައަކީ ކޮބާ؟

ޖ. ލުޣަވީ މާނަ: ނުކިޔަމަންތެރިކަމެވެ. ކިޔަމަންތެރިކަމުގެ އިދިކޮޅެވެ. ވެރިފަރާތުގެ ނުވަތަ ވެރިމީހާގެ އަމުރާ ޚިލާފުވެއްޖެނަމަ، ނުކިޔަމަންތެރިވީއެވެ. މިފަދަ މީހުންނަކީ عَاصِي (ޢާޞީ) ންނެވެ.
އިޞްޠިލާޙީ މާނަ: (ހ) އިބްނު ތައިމިއްޔާ رحمه الله ވިދާޅުވަނީ، ޝަރުޢުގައި ނުކިޔަމަންތެރިކަމަކީ އަމުރަކާ ޚިލާފުވުމެވެ. ﷲ ފޮނުއްވި ރަސޫލުން ގެންނެވި ﷲގެ ބަސްފުޅާ ޚިލާފުވެއްޖެމީހާ ނުކިޔަމަންތެރިވެއްޖެއެވެ.
(ށ) الْمَعَاصِي (އަލްމަޢާޞީ) އަކީ، އަމުރުވެވިގެންވާ ހެޔޮކަންކަން ދޫކޮށްލުމާއި އަދި މަނާވެފައިވާ ނުބައިކަންކަން ކުރުމެވެ. ނުވަތަ ފާޅުގައި އަދި ސިއްރުގައިވާ ބަހާއި ޢަމަލުގެ ތެރެއިން ޤުރްއާނުގައި ނުވަތަ ސުންނަތުގައި ފަރުޟުކުރައްވާފައިވާ ކަމެއް ދޫކޮށްލައި ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ނަހީކުރެއްވި ކަންކަންކުރުމެވެ.

2) العِصْياَن ގެ މާނަ ޤުރްއާނުގައި ބަޔާންވެގެންވާ ބައެއް ލަފްޡުތަކަކީ ކޮބާ؟

ޖ. (ހ) الذَنْبُ: ފާފަ. فَكُلا أَخَذْنَا بِذَنْبِهِ (އަލްއަންކަބޫތު 40)
(ށ) الْخَطِيْئَةُ: ކުށް. إِنَّا كُنَّا خَاطِئِينَ (ޔޫސުފް 97)
(ނ) السَيِّئَةُ: ގޯސް. إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ (ހޫދު 114)
(ރ) الْحُوبُ: ފާފަ. إِنَّهُ كَانَ حُوبًا كَبِيرًا (އައްނިސާ 2)
(ބ) الْإِثْمُ: ފާފަ. وَالإثْمَ وَالْبَغْيَ بِغَيْرِ الْحَقِّ (އަލްއަޢުރާފް 33)
(ޅ) الْفَسَادُ: ފާސިދުކަން. أَوْ فَسَادٍ فِي الأرْضِ (އަލްމާއިދާ 32)
(ކ) الْعُتُوُّ: ހައްދުފަހަނައަޅާ ދިއުން. فَلَمَّا عَتَوْا عَنْ مَا نُهُوا عَنْهُ (އަލްއަޢުރާފް 166)
(އ) الْإِصْرُ: ފާފަ. ބުރަތައް. وَيَضَعُ عَنْهُمْ إِصْرَهُمْ (އަލްއަޢުރާފް 157)

އިތުރަށް ވިދާޅުވެލައްވާ…


سُورَةُ البَيِّنَة ގެ ތަފްސީރު

ސުވާލާއި ޖަވާބު

1) أهل الكتاب އަކީ ކޮންބައެއް؟

ޖ. އެއީ ޔަހޫދީންނާއި ނަޞާރާއިންނެވެ.

2) مشرك ންނަކީ ކޮބާ؟

ޖ. ﷲ އަށް އަޅުކަންކުރުމުގައި އެހެންފަރާތެއް ބައިވެރިކުރާމީހުންނެވެ. މީގެ ތެރޭގައި ނަޞާރާއިންނާއި ޔަހޫދީންވެސް ހިމެނެއެވެ.

3) كافر ންއަކީ ކޮބާ؟

ޖ. ﷲގެ ރުބޫބިއްޔަތާއި އުލޫހިއްޔަތަށް އިންކާރުކުރާ މީހުންނެވެ. އޭގެތެރޭގައި ރަސޫލާ صلى الله عليه وسلم ގެންނެވިކަމެއް ދޮގުކުރުމާއި, ބޮޑާވެރިކަމާއިއެކު ﷲގެ އަމުރުން މަނާވެގަތުމާއި, ޙައްޤަށް ފުރަގަސް ދިނުމާއި އަދި ރަސޫލުންގެ ތެދުވެރިކަމާއިމެދު ޝައްކުކުރުން ފަދަކަންތައް ހިމެނެއެވެ.

އިތުރަށް ވިދާޅުވެލައްވާ…


سُورَةُ التِّيْنِ ގެ ތަފްސީރު

ސުވާލާއި ޖަވާބު

1) سورة التّين ގެ މައިގަނޑު ބައިތަކަކީ ކޮބާ؟

ޖ. ބެހެނީ ދެ ދާއިރާއަކަށެވެ. އެއީ ﷲ އިންސާނުންނަށް ދެއްވި މާތްކަމާއި ޝަރަފުވެރިކަން އަދި އަލުން ދިރުއްވައި ހިސާބު ބެއްލެވުމަށްފަހު ޖަޒާދެއްވުމެވެ. މި ދެ ދާއިރާއަށް ޖުމްލަގޮތަކަށް ބަލައިލާއިރު:
(ހ) ވައްތީނި, ޒައިތޫން, ޠޫރު ސީނާ އަދި މައްކާގެ ބިމުގެ މަތިވެރިކަން ހާމަކޮށްދެއްވުމަށް ﷲ ހުވާކުރެއްވެވުން.
(ށ) ވައްތީނި އަދި ޒައިތޫނި އިންދުމާއި އާލާކުރުން އެދެވިގެންވާކަން.
(ނ) ސޫރަތް ނިންމެމުމަށްފަހު, بَلَى وَأَنَا عَلَى ذَالِكَ مِنَ الشَّاهِدِيْن މިފަދައިން ކިޔުން މުޞްތަޙައްބުވުން.
(ރ) ސޫރަތުގެ ނިންމަވާފައިވަނީ ﷲގެ ޢަދުލުވެރިކަމުގައި މުއުމިނުންނާއި ކާފިތުން ހަމަހަމަ ނުވާނެކަން ހާމަކުރައްވަމުން.

2) سورة التّين ގައި ވައްތީންޏާއި, ޒައިތޫންޏާއި, ޠޫރުސީނާ އާއި މައްކާ ގަންދެއްވާ ﷲ ހުވާކުރައްވާ އަންގަވާފައިވާ ވާހަކައަކީ ކޮބާ؟

ޖ. އެކަލާނގެ އެންމެ ރީތި ބުރު ޞޫރާގައި އިންސާނާ ޚަލްޤުކުރެއްވި ވާހަކައެވެ.

3) سورة التّين ގައި މައްކާގެ މަތިވެރިކަން ދެގޮތަކަށް ﷲ ބަޔާންކުރެއްވިއެވެ. އެ ދެގޮތަކީ ކޮބާ؟

ޖ. (ހ) މައްކާގެ މަތިވެރިކަން ހާމަކޮށްދެއްވުމަށްޓަކައި ﷲ އެތަން ގަންދެއްވާ ހުވާކުރެއްވުން.
(ށ) އަމާންކަން ލިބިގެންވާ ބިމެއްކަން އެންގެވުން.

އިތުރަށް ވިދާޅުވެލައްވާ…


الفِسْق (ފާސިޤުކަން)

ސުވާލާއި ޖަވާބު

1) الفِسْق ގެ ލުޣަވީ އަދި އިޞްޠިލާޙީ މާނައަކީ ކޮބާ؟

ޖ. ލުޣަވީ މާނަ: އެއްޗަކުން ނުވަތަ ގަޞްދުކުރި ކަމަކުން ނުކުތުމެވެ. ކިޔަމަންތެރިކަން ދޫކޮށް ނުކިޔަމަންތެރިކަން އިޚްތިޔާރުކޮށް ފާޖިރަކުކަމުގައި ވުމެވެ.
އިޞްޠިލާޙީ މާނަ: (ހ) އިބްނު ޢަޠިއްޔާ ވިދާޅުވަނީ، ޝަރީޢަތުގައި ފިސްޤު މިހެން ބުނެވެނީ ﷲގެ ކިޔަމަންތެރިކަމުގެ ދާއިރާއިން ނުކުތުމެވެ. ކުރާ ފާފައެއްގެ ސަބަބުން އަދި ކާފިރުކަމުގެ ސަބަބުން އެކަލާނގެ ކިޔަމަންތެރިކަމުގެ ދާއިރާއިން ބޭރުވެގެން ދިއުމަށް މިބަސް ބޭނުންކުރެވެއެވެ. އަލްޤުރުޠުބީވެސް މިފަދައިން ވިދާޅުވިއެވެ.
(ށ) އައްއާލޫސީ ވިދާޅުވަނީ، ޝަރުޢީ މާނައިގައި ފިސްޤަކީ ‘ބުއްދިވެރިން’ ﷲގެ ކިޔަމަންތެރިކަމުގެ ދާއިރާއިން ނުކުމެގެން ދިއުމެވެ. މީގެ ތެރޭގައި ކުފުރާއި، އެއަށްވުރެ ކުދި ފާފަތަކާއި އަދި ބޮޑެތި ފާފަތައްވެސް ހިމެނެއެވެ. ޝަރުޢީ ޢިލްމުވެރިންގެ ޢުރުފުގައި އެބަސް ބޭނުން ކުރެވެނީ ބޮޑެތި ފާފައަށް އަރައިގަތުމަށެވެ. އެހެން ފާފަތަކަށް އަރައިގަތުމަށް ފިސްޤޭ ކިޔެނީ، އެކަމުގެ ޤަރީނާއެއް އޮތުމުންނެވެ. އަދި ވަރަށް ނާދިރު މަދު ޙާލަތެއްގައެވެ.

2) الفِسْق ގެ ބައިތަކަކީ ކޮބައިކަން ތަފްޞީލުކޮށްދީ!

ޖ. (ހ) އެ ފާސިޤު ޢަމަލެއް ކުރުމުގެ ސަބަބުން، އެކަންކުރާ މީހާ، މިއްލަތުން ބޭރުވެގެންދާ ބޮޑެތި ފާސިޤު ޢަމަލުތައް:

މިސާލު: ކާފަރުންނަކީ އެބައިމީހުން ﷲއަށް ކާފިރުވުމުގެ ސަބަބުން ފާސިޤުންނެވެ. ކުފުރުގެ ޢަމަލުގެ ސަބަބުން ފާސިޤުވެގެން ދިއުމުގެ މާނައިގައި ޤުރްއާނުގެ ގިނަ އާޔަތްތަކުގައި އައިސްފައިވެއެވެ. ސޫރަތުލް ބަޤަރާގެ 99 ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ. وَلَقَدْ أَنْزَلْنَا إِلَيْكَ آيَاتٍ بَيِّنَاتٍ وَمَا يَكْفُرُ بِهَا إِلا الْفَاسِقُونَ މާނައީ [އަދި ހަމަކަށަވަރުން ތިމަން ﷲ ކަލޭގެފާނަށް ބަޔާންވެގެންވާ އާޔަތްތައް ބާވައިލެއްވީމެވެ. ފާސިޤުން ފިޔަވައި އެ އާޔަތްތަކަސް އިންކާރުކޮށް ކާފިރެއް ނުވެއެވެ.]
ނަޞްރުލް މަރޫޒީ ވިދާޅުވާގޮތުގައި، މި އާޔަތްތައް ދަލީލުކުރަނީ ޝަރުޢީ ޢުރުފުގައި ފިސްޤުގެ ފުރަތަމަ މާނައަކީ ނުވަތަ އަޑުއިވުމާއިއެކު ހިތަށް އަންނާނީ ފާސިޤުން ކިޔަނީ ކާފިރުންނަށްކަމެވެ.

(ށ) އެ ފާސިޤު ޢަމަލެއް ކުރުމުގެ ސަބަބުން، އެކަންކުރާ މީހާ، މިއްލަތުން ބޭރުވެގެންނުދާ ފަދަ ފާސިޤު ޢަމަލުތައް:
(1) ޢަޤީދާގެ (ތެދުކޮށް ޤަބޫލުކުރުމުގެ) ފާސިޤުކަން.
(2) ކުރާ ޢަމަލުތަކުގެ ފާސިޤުކަން.

އިތުރަށް ވިދާޅުވެލައްވާ…


ޙަދީޘްގެ އިޞްޠިލާޙުތައް 2

ސުވާލާއި ޖަވާބު

1) حَدِيث އަހަރެމެންނާ ހަމައަށް ފޯރުމުގައި ސަނަދުގެ ގޮތުން ބެހިގެންވާ ގޮތްތަކަކީ ކޮބާ؟

ޖ. مُتَوَاتِر حديث އާއި آحَاد حديث އެވެ.

2) مُتَوَاتِر ގެ މާނައަކީ ކޮބާ؟

ޖ. އެކަތި އަނެކައްޗާއި ގުޅިގެން ފަސްފަހަތުން އައުމެވެ.

3) مُتَوَاتِر حديث އަކީ ކޮބާ؟

ޖ. ވާހަކައެއް ބަޔާންކުރުމުގައި, ޢާއްމުގޮތެއްގައި އެއްމެހާ މީސްތަކުން ދޮގު ހަދާފާނެކަމަށް ސަލާމަތްބުއްދި ޤަބޫލު ނުކުރާ ގިނަ ޢަދަދެއްގެ ބަޔަކު ރިވާކޮށްފައިވާ ޚަބަރު ނުވަތަ ޙަދީޘެވެ.

4) مُتَوَاتِر حديث ގެ ޝަރުޠުތަކަކީ ކޮބާ؟

ޖ. (ހ) ގިނަ ޢަދަދެއްގެ ރާވީން ރިވާކުރުން.
(ށ) ސަނަދު ހުރިހާ طَبَقَة (ފަށަލަ) އެއްގައި ގިނަ ޢަދަދެއްގެ ރާވީން އެކުލެވިގެންވުން.
(ނ) އާދަކާދައާ އެއްގޮތްވާގޮތުގެ މަތިން ދޮގުގެ މައްޗަށް އިއްތިފާޤުވުން މުސްތަޙީލުގޮތަކަށް ރިވާވެގެންވުން.
(ރ) އެ ރާވީން ރިވާކުރައްވާފައިވާ ޙަދީޘް, ޙިއްސުގެ މައްޗަށް އިޢުތިމާދުވުން. (މިސާލަކަށް: ތިމަންބެކަލުން އެޙަދީޘް އެއްސެވީމޭ ނުވަތަ ދެކެވަޑައިގަތީމޭ)

އިތުރަށް ވިދާޅުވެލައްވާ…


ޙަދީޘްގެ އިޞްޠިލާޙުތައް 1

ސުވާލާއި ޖަވާބު

1) ޙަދީޘް ޤަބޫލުކުރުމުގައި ބެހިގެންވާ 3 ބަޔަކީ ކޮބާ؟

ޖ. (ހ) صَحِيْح (ޞަޙީޙް) ޙަދީޘް
(ށ) حَسَن (ޙަސަން) ޙަދީޘް
(ނ) ضَعِيف (ޟަޢީފް) ޙަދީޘް

2) صحيح ޙަދީޘަކީ ކޮބާ؟

ޖ. ޢަދުލުވެރި, ދަސްކުރުމުގެ ބާރުގަދަ ރާވީއަކު, އެފަދަ އެހެން ރާވީއެއްގެ ކިބައިން މަތަނާއި ހަމައަށް, ސަނަދު ގުޅިގައިވާ ގޮތަށް, އެ ޙަދީޘް އެކަހެރިވުމުގެ އަދި ޟަޢީފްވުމުގެ އިއްލަތެއް ނެތި ރިވާކުރާ ޙަދީޘްއެވެ.

3) ޢަދުލުވެރިވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟

ޖ. އެއީ މުސްލިމަކު ކަމުގައިވުން, ބާލިޣުވުމާއި ބުއްދި ސަލާމަތުން ހުރުމާއި, ފާސިޤަކުކަމުގައި (ކުޑަފާފަކުރުންމަތީ ދެމިހުންނަމީހާ) ނުވުމާއި އަދި މުރުއްވަތްތެރިކަން (އޭނާގެ ފަންތީގެ މީހުން ޢަމަލުކުރާގޮތަށް ޢަމަލުކުރުން) ގެއްލިފައިވާ މީހަކަށް ނުވުމެވެ.

4) ދަސްކުރުމުގެ ބާރުގަދަވުމަކީ ކޮބާ؟

ޖ. ހިތުދަސްކުރިއެއްޗެއް ބޭނުންޖެހިއްޖެ ޙާލަތެއްގައި ކިޔައިދިނުމުގެ ފެންވަރު ހުރުމެވެ. އޭގެތެރޭގައި ހިތުންނާއި ލިޔުމުން ރައްކާތެރިކުރުން ހިމެނެއެވެ.

އިތުރަށް ވިދާޅުވެލައްވާ…


އިސްލާމީ ޝަރީޢަތުގެ ހަތަރުވަނަ މަޞްދަރު: قياس (ޤިޔާސް)

ސުވާލާއި ޖަވާބު

1) އިސްލާމީ ޝަރީޢަތުގައި قياس އަކީ ކޮބާ؟

ޖ. ނައްޞަކުން އެޙާދިޘާއެއްގެ ޙުކުމެއް އައިސްފައިނުވާ ޙާދިޘާއާއި, ޚުކުމެއް ނައްޞުން ވާރިދުވެފައިވާ ޙާދިޘާގެ ޙުކުމުގެ އިއްލަތުގައި, މި ދެ ޙާދިޘާގެ ދެމެދުގައި ހުރި އެއްގޮތްކަމުގެ ސަބަބުން, ޙުކުމް ނެތް ޙާދިޘާއަށް ޙުކުމް ޘާބިތުވެފައިވާ ޙާދިޘާގެ ޙުކުމް ކަނޑައެޅުމެވެ.

2) قياس ގެ ބައެއް މިސާލުތައް ލިޔޭ!

ޖ. (ހ) މަސްތުވާތަކެތި:- މި ޒަމާނުގައި މަސްތުވުމަށް ބޭނުންކުރާ ގިނަ ތަކެއްޗަކީ ޝަރީޢަގުގެ ނައްޞުން ސީދާ ޙުކުމެއް އައިސްފައި ނުވާ ތަކެއްޗެވެ. ނަމަވެސް ރަލުގެ ޙުކުމް ސޫރަތުލް މާއިދާގެ 90 ވަނަ އާޔަތުގެ އަލީގައި ޙަރާމް އެއްޗެއްކަމަށް ކަނޑައެޅިފައިވެއެވެ. ރަލަކީވެސް ބުއްދިފިލާދާ އަދި ބޮޑެތި ގެއްލުންތައް ދޭ އެއްޗެކެވެ. އަދި މަސްތުވާތަކެއްޗަކީވެސް ހަމަ އެފަދައިން މެދުވެރިވާ އެެއްޗެކެވެ.
(ށ) ވަޞިއްޔަތްކުރިމީހާ މަރާލި މީހާއަށް ވަޞިއްޔަތުގެ ބައި ޙައްޤުނުވުން:- ނައްޞުން ޘާބިތުވާގޮތުގައި ވާރުތަވެރިޔާ ޤަތުލުކުރާމީހާ ވާރުތަ މުދަލުން މަޙްރޫމްވެގެންވެއެވެ. އެއީ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅު لاَ يَرِثُ القَاتِلُ [(ވާރުތަވެރިޔާ) ޤަތުލުކުރާ މީހަކަށް ވާރުތައެއް ނުވާނެއެވެ.] މުދަލުގެ ދަހިވެތިކަމުގައި މިފަދައިން ކުރުން އެކަށީގެންވެއެވެ.
(ނ) ހުކުރު ދުވަހުގެ ބަންގިއަށްފަހު, ހުކުރު ނަމާދު ނިމެންދެން މަސައްކަތްކުރުން ޙަރާމްވުން:- މި ވަގުތުގައި ވިޔަފާރި ކުރުން ޙަރާމްވުން ނައްޞުން ޘާބިތުވެގެންވެއެވެ. އެއީ އަލްޖުމުޢަތު ސޫރަތުގެ 9 ވަނަ އާޔަތުގައެވެ. يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރު ދުވަހުގެ (ހުކުރު) ނަމާދަށް ގޮވާލެވޭ ހިނދު, ތިޔަބައިމީހުން ޛިކުރު (ޚުޠުބާ އަޑުއެހުން, ﷲ ހަނދުމަކުރުން) ކުރުމަށް އަވަސްވެގަންނާށެވެ! އަދި ތިޔަބައިމީހުން ވިޔަފާރިކުރުން ދޫކޮށްލާށެވެ!] މިއީ އެކަމުގައި މަޝްޣޫލުވެ ނަމާދުގެ މަތިން ހަނދާންނެތި ޣާފިވެގެން ހިނގައިދާނެތީއެވެ. މިއީ ހަމަ ކޮންމެ ދުނިޔަވީ މުޢާމަލާތަކުންވެސް ވެދާނކަމެކެވެ. ވިޔަފާރީގެ މުޢާމަލާތާއި އެހެން މުޢާމަލާތްތަކާއި ހުރި މި އެއްގޮތްކަމުގެ ސަބަބުން, ކުލީގެ މުޢާމަލާތާއި, ރަހުނުގެ މުޢާމަލާތާއި, ހުކުރު ވަގުތު ޕިކްނިކް ދިއުން ފަދަ ކަންކަން ޙަރާމްވެގެންވެއެވެ.

އިތުރަށް ވިދާޅުވެލައްވާ…


سُورَةُ القَدْر ގެ ތަފްސީރު

ސުވާލާއި ޖަވާބު

1) سورة القدر ބާވާލެއްވުނީ ކޮންތަނެއްގައި؟ އަދި މިސޫރަތަށް އެނަން ދެވުނު ސަބަބަކީ ކޮބާ؟

ޖ. މައްކާގައެވެ. އެނަން ދެވުނީ މި ޤުރުއާން އެއްކޮށް ބާވާލެއްވުނީ ބައިތުލް ޢިއްޒާއަށްވުމާއިއެކު, އެ ރޭގެ މަތިވެރިކަމަށްޓަކައެވެ.

2) سورة القدر ގެ މައިގަނޑު ބައިތަކަކީ ކޮބާ؟

ޖ. (ހ) ޤުރުއާން ބާވާލެއްވުނު ރޭގެ މަތިވެރިކަމާއި, އެހެން ރޭތަކުގައި ކުރާ އަޅުކަންތަކަށް ވުރެ އަޅުކަމުގެ ދަރަޖަ މަތިވެރިކަން ބަޔާންވުން.
(ށ) ޤުރުއާން ބާވާލެއްވުނު ރޭ ކުރާ ނަމާދާއި, ޛިކުރާއި, ދޭ ނަޞޭޙަތާއި, ދުޢާ އަދި ކިޔަވާ ޤުރުއާނުގެ ޘަވާބު 83 އަހަރާއި 4 މަސް ދުވަހުގެ ޘަވާބަށްވުރެ މަތިވެރިވެގެންވާކަން ބަޔާންވެގެންވުން.
(ނ) މަލާއިކަތުންނާއި އަދި ޖިބްރީލް عليه السلام ވެސް ﷲގެ އަމުރުފުޅާއިއެކު އެރޭ ބިމަށް ފައިބާވަޑައިގަންނަވާނެކަން ބަޔާންވެގެންވުން.

3) سورة القدر ގައި ލައިލަތުލް ޤަދްރިގެ މާތްކަން ބަޔާންކޮށްދީފައިވާ ގޮތަކީ ކޮބާ؟

ޖ. (ހ) އެރޭގައި ޤުރުއާން ބާވާލެއްވުން.
(ށ) އެރޭގައި ކުރާ އަޅުކަމުގެ ޘަވާބު އެއްހާސް މައްސަރުގެ އަޅުކަމާއި އެއްފަދަވެގެން ނުވާކަން ޢާއްމުކޮށް އެންގެވުން.
(ނ) ކުރިއަށް އޮތް އަހަރު ހިނގާނޭ އިލާހީ އަމުރުފުޅުތަކާއިގެން މަލާއިކަތުން އެރޭ ބިމަށް ފައިބާވަޑައިގަތުން.
(ރ) އިރުއޮއްސުނީއްސުރެ ފަޖުރުލުމައްޖައުމަށް ދާންދެން އަމާންކަމާއި ސަލާމަތްކަން ލިބިގެންވާނެ ރެއެއްކަން އެންގެވުން.

އިތުރަށް ވިދާޅުވެލައްވާ…


ޤުރްއާން ޖަމަޢުކުރެއްވުނު ތިންވަނަ ދައުރު:
އުޘްމާން رضي الله عنه ގެ ދުވަސްވަރު

ސުވާލާއި ޖަވާބު

1) ޢުޘްމާނުގެފާނު رضي الله عنه ގެ ދުވަސްވަރު ޤުރްއާން ޖަމަޢުކުރެވުނު ސަބަބަކީ ކޮބާ؟

ޖ. ޢުޘްމާނުގެފާނުގެ ދައުރުގައި އިސްލާމީ ފުތޫޙާތު ވަރަށް ބޮޑަށް ފުޅާވެގެން ދިޔުމާއިގުޅިގެން, މުސްލިމުން އެކި ރަށްތަކަށް ބެހިގެންދިޔައެވެ. އަދި އެރަށެއްގެ އަހުލުވެރިން ޤުރްއާން ކިޔަވަމުން ދިޔައީ އެރަށެއްގައި އުޅުއްވާ އަޞްޙާބު ބޭކަލުންގެ ތެރެއިން އެންމެ މަޝްހޫރު ބޭކަލެއްގެ ޤިރާއަތަށެވެ. އަދި ބައެއް ޙަރުފުތައް އަދާކުރުމުގައި ތަފާތުހުރެއެވެ. މީގެ ސަބަބުން މީސްތަކުންގެ މެދުގައި ދެބަސްވުން އުފެދިގެންދިޔައެވެ. އަދި އެއްބަޔަކު އެނެއްބަޔަކު ކާފަރުކޮށް, އިސްލާމީ އުއްމަތުގެ ބޮޑު މައްސަލައަކަށް ވާންފެށިއެވެ. އަރުމީނިޔާއާއި އާޛަރުބައިޖާން ފަތަޙަކުރެއްވުމަށްޓަކައި ޙުޛައިފާ ބުނުލް ޔަމާން رضي الله عنه އެތަނުގައި އުޅުއްވި ދުވަސްވަރު, މި ދެބަސްވުންތައް ފެނިވަޑައިގެން އެކަމާއި ބިރުވެތިވެވަޑައިގެން, މި ދެބަސްވުން ނައްތާލުމަށްޓަކައި ޢުޘްމާންގެފާނަށް މަޝްވަރާ ދެއްވުމުން, އެކަލޭގެފާނު ޙަފްޞާ رضي الله عنها ގެ އަރިހުގައި އޮތް މުޞްޙަފް ގެންނަވާ ކޮޕީތަކެއް ހެއްދެވިއެވެ. އަދި އެހެން ފޮތްތައް އަންދާލެއްވުމަށް އަމުރުކުރެއްވިއެވެ.

2) އުޘްމާންގެފާނު رضي الله عنه ޤުރްއާން ޖަމަޢުކުރެއްވުމުގެ މަސައްކަތް ފެއްޓެވީ ކޮންއިރަކު؟

ޖ. ހިޖުރައިން 24 ވަނަ އަހަރުގެ ފަހުކޮޅުގައި ނުވަތަ 25 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

3) އުޘްމާންގެފާނު رضي الله عنه ޤުރްއާން ޖަމަޢުކުރެއްވުމުގެ މަސައްކަތް ހަވާލުކުރެއްވީ ކޮން ބޭކަލުންނަކަށް؟

ޖ. އަޞްޙާބު ބޭކަލުންގެ ތެރެއިން މާތްކަމަށް ފާހަގަކުރެވޭ އަދި ދަސްކުރުމުގެ ބާރުގަދަ 4 ބޭކަލުންނާއިއެވެ. އެއީ ޒައިދު ބުން ޘާބިތު, ޢަބްދުﷲ ބުން ޒުބައިރު, ސަޢީދު ބުނުލް ޢާޞް އަދި ޢަބްދުއްރަޙްމާން ބުން ޙާރިޘް ބުން ހިޝާމް رضي الله عنهم އާއިއެވެ. އޭގެތެރެއިން ޒައިދުގެފާނު ފިޔަވާ ދެން ތިބި ބޭކަލުންނަކީ ޤުރައިޝް ވަންހައިގެ ބޭކަލުންނެވެ.

އިތުރަށް ވިދާޅުވެލައްވާ…


ޤުރްއާން ޖަމަޢުކުރެއްވުނު ދެވަނަ ދައުރު:
އަބޫ ބަކުރު رضي الله عنه ގެ ދުވަސްވަރު

ސުވާލާއި ޖަވާބު

1) އަބޫ ބަކުރު رضي الله عنه ގެ ޒަމާނުގައި ކުރިމަތިލައްވަން ޖެހިވަޑައިގެން ބައެއް ފިތުނަތަކަކީ ކޮބާ؟

ޖ. (ހ) ޢަރަބީންގެ ތެރެއިން ބައެއް ޤަބީލާތައް މުރުތައްދުވުން.
(ށ) ބައެއްމީހުން ޒަކާތް ދިނުމަށް އިންކާރުކުރުން.
(ނ) ބައެއްމީހުން ނަބީކަމަށް ދަޢުވާކުރުން – އޭގެތެރެއިން މުސައިލަމަތުލް ކައްޛާބު ފާހަގަކޮށްލެވެއެވެ.

2) އަބޫ ބަކުރު رضي الله عنه ގެ ޒަމާނުގައި ޤުރްއާން އެއްފޮތަކަށް ޖަމަޢުކުރައްވަން މަދުވެރިވި ސަބަބަކީ ކޮބާ؟

ޖ. އަބޫ ބަކުރު رضي الله عنه ގެ ޚިލާފަތުގައި ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އޭގެ ތެރޭގައި ނަބީކަމަށް ދަޢުވާކުރި މުސައިލަމަތުލް ކައްޛާބު ހިމެނެއެވެ. ހިޖުރައިން 12 ވަނަ އަހަރުގައި އަލްޔަމާމާ ކިޔުނުތަނުގައި މީނާއާއި ދެކޮޅަށް ހަނގުރާމަކުރެވުނެވެ. މި ހަނގުރާމައަށް އަލްޔަމާމާ ހަނގުރާމައިގެ ނަމުން ނަންދެވުނެވެ. މި ހަނގުރާމާގައި ބައެއް ބޭކަލުން ވިދާޅުވާގޮތުގައި 70 އަނެއްބައި ބޭކަލުން ވިދާޅުވާގޮތުގައި 300 ޤާރީވެރިންނާއި ޙާފިޡުން ޝަހީދުވިއެވެ. އޭގެތެރެއިން އެންމެ އިސްބޭކަލެއްގެ ގޮތުގައި އަބޫ ޙުޛައިފާ މިނިވަންކުރެއްވި އަޅެއްކަމުގައިވާ ސާލިމް ހިމެނެއެވެ. އެހާ ގިނަ ޢަދަދެއްގެ ބޭކަލުން ޝަހީދުވުމާއި ގުޅިގެން ޤުރްއާން ނެތިގެން ހިނގައިދާނެކަމަށް ޢުމަރުގެފާނު رضي الله عنه އަށް ވިސްނިވަޑައިގެން, ޤުރްއާން ޖަމްޢު ކުރެއްވުމުގެ ޚިޔާލުފުޅު އަބޫ ބަކުރު رضي الله عنه އަށް އެރުވިއެވެ. ލިޔުއްވުމުގެ ތެރޭގައި ޤުރްއާނަށް އުނިއިތުރުކަމެއް ގެނެވިދާނެތީ އެކަމަށް އަބޫ ބަކުރުގެފާނު رضي الله عنه ފަސްޖެހިވަޑައިގަތެވެ. އެހެންނަމަވެސް, ޢުމަރު رضي الله عنه އެގޮތުގެ މަތީގައި ދެމިހުންނެވުމުގެ ސަބަބުން އެއީ ރަނގަޅު މަޝްވަރާއެއްކަމަށް އަދި ވަރަށް މުހިއްމު ފިޔަވަޅެއްކަމަށް އަދި އާކަމެއް ނޫންކަމަށް ވިސްނިވަޑައިގެން, އެއްފޮތަކަށް ޖަމަޢުކުރެއްވިއެވެ.

އިތުރަށް ވިދާޅުވެލައްވާ…


ޤުރްއާން ޖަމަޢުކުރެއްވުނު ފުރަތަމަ ދައުރު:
ރަސޫލާ صلى الله عليه وسلم ގެ ދުވަސްވަރު

ސުވާލާއި ޖަވާބު

1) ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި ޤުރްއާން ޖަމަޢުކުރެވުނު ގޮތްތަކަކީ ކޮބާ؟

ޖ. (ހ) ހިތުގައި ޖަމަޢުކުރެއްވުން.
(ށ) ލިޔުމުގައި ޖަމަޢުކުރެއްވުން.

2) ރަސޫލާ صلى الله عليه وسلم ގެ ހިތްޕުޅުގައި ޤުރްއާން ޖަމަޢުކުރެއްވެވި ގޮތްތަކަކީ ކޮބާ؟

ޖ. (ހ) ﷲ އެކަލޭގެފާނު صلى الله عليه وسلم ހިތްޕުޅުގައި އެ ޘާބިތުކޮށްދެއްވުން:- ރަސޫލާ صلى الله عليه وسلم އަކީ އުއްމިއްޔަ (ލިޔުއްވާ ކިޔަޔާވިދާޅުވާން ނުދަންނަ) ބޭކަލަކަށް ވުމާއިއެކު, ވަޙީ އިއްވެވޭ ހިނދު ހަނދާންނެތިދާނެކަމަށް ބިރުފުޅުވަޑައިގެން, ޖިބްރީލް عليه السلام ވަޙީ އިއްވަވާ ނުނިމެނީސް, އެކަލޭގެފާނު صلى الله عليه وسلم ފަހަތުން ކިޔަވާ ވިދާޅުވާން ފައްޓަވައެވެ. މިކަމާއި ގުޅިގެން سورة القِيَامَة ގެ 16-17 އަށް ބާވާލެއްވިއެވެ. އަދިވެސް سورة طـه ގެ 114 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. فَتَعَالَى اللَّهُ الْمَلِكُ الْحَقُّ وَلا تَعْجَلْ بِالْقُرْآنِ مِنْ قَبْلِ أَنْ يُقْضَى إِلَيْكَ وَحْيُهُ وَقُلْ رَبِّ زِدْنِي عِلْمًا މާނައީ [ފަހެ, އެންމެ ރަސްވަންތަ އެންމެ ޙައްގުވަންތަ ﷲ މަތިވެރިވެވޮޑިގެންވެއެވެ. އަދި ކަލޭގެފާނަށް (ޖިބްރީލް عليه السلام) ވަޙީ ބާވާލައްވާ ނިމިވަޑައިގަތުމުގެ ކުރިން އެ ދަސްކުރުމަށްޓަކައި ކިޔަވާވިދާޅުވުމަށް ކަލޭގެފާނު އަވަސްވެ ވަޑައިނުގަންނަވާށެވެ. އަދި ކަލޭގެފާނު ވިދާޅުވާށެވެ. – އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭވެ!]
(ށ) ރަސޫލާ صلى الله عليه وسلم ރޭގަނޑާއި ދުވާލުގައި ޤުރްއާން ކިޔަވާވިދާޅުވުން.
(ނ) ކޮންމެ އަހަރަކު އެއްފަހަރު ޖިބްރީލް عليه السلام ވަޑައިގެން އެކަލޭގެފާނު صلى الله عليه وسلم އަށް ކިޔަވާވިދާޅުވެދެއްވުން.
(ރ) ރަސޫލާ صلى الله عليه وسلم ސުވަރުގެވަޑައިގަތުމުގެ ކުރީ އަހަރުގެ ރަމަޟާންމަހު 2 ފަހަރަށް ޖިބްރީލް عليه السلام ކިޔަވާވިދާޅުވެދެއްވުން.

އިތުރަށް ވިދާޅުވެލައްވާ…


އިސްލާމްދީނުގެ ޢަދުލުވެރިކަން

ސުވާލާއި ޖަވާބު

1) ‘އިސްލާމްދީނުގެ ޢަދުލުވެރިކަން’ މި ޞުރުޚީގެ ދަށުން ކިޔެވި ޙަދީޘާއި އެޙަދީޘްގެ އިޖްމާލީ މާނައަކީ ކޮބާ؟

ޖ. أَنَّ قُرَيْشًا أَهَمَّهُمْ شَأْنُ الْمَرْأَةِ الْمَخْزُومِيَّةِ الَّتِي سَرَقَتْ فَقَالُوا وَمَنْ يُكَلِّمُ فِيهَا رَسُولَ اللَّهِ ‏‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏فَقَالُوا وَمَنْ يَجْتَرِئُ عَلَيْهِ إِلاَّ‏ ‏أُسَامَةُ بْنُ زَيْدٍ ‏حِبُّ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَكَلَّمَهُ ‏‏أُسَامَةُ فَقَالَ رَسُولُ اللَّهِ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ( أَتَشْفَعُ فِي حَدٍّ مِنْ حُدُودِ اللَّهِ ) ثُمَّ قَامَ فَاخْتَطَبَ ثُمَّ قَالَ ( إِنَّمَا أَهْلَكَ الَّذِينَ قَبْلَكُمْ أَنَّهُمْ كَانُوا إِذَا سَرَقَ فِيهِمْ الشَّرِيفُ تَرَكُوهُ وَإِذَا سَرَقَ فِيهِمْ الضَّعِيفُ أَقَامُوا عَلَيْهِ الْحَدَّ وَايْمُ اللَّهِ لَوْ أَنَّ ‏ ‏فَاطِمَةَ بِنْت مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا ‏)
ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވާގޮތުގައި, ޤުރައިޝް ވަންހައިގެ ދަރިކޮޅެއްކަމުގައިވާ ބަނޫ މަޚްޒޫމްގެ އަންހެނަކު ވައްކަމެއް ކުޅަ މައްސަލަ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އުފުލި, އެ އަންހެނާގެ އަތް ކެނޑުމަށް އެކަލޭގެފާނު صلى الله عليه وسلم ޙުކުމްފުޅު ކުރެއްވިއެވެ. ޤުރައިޝް ވަންހައިގެ މީހުންނަށް މިކަން ބޮޑުވެ, އުސާމާ ބުން ޒައިދު رضي الله عنه މެދުވެރިކޮށް, އެ އަދަބު މަޢާފުކޮށްދެއްވުމަށް އެދި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ދެންނެވުނެވެ. އެހިނދު އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. [ﷲ ކަނޑައަޅުއްވާފައިވާ ޙައްދުތަކުގެ ތެރެއިން ޙައްދަކަށް އަރައިގެން މީހެއްގެ އަދަބު މާފުކޮށްދިނުމަށް ތިބާ އެދެނީ ހެއްޔެވެ؟] އެއަށްފަހު, މިންބަރަށް އަރައިވަޑައިގެން ޚުޠުބާދެއްވާ މީސްތަކުންނާ މުޚާޠަބުކުރައްވާ ޙަދީޘްކުރެއްވިއެވެ. [ތިޔަބައިމީހުންގެ ކުރިން އުޅުނު މީސްތަކުން ހަލާކުވެގެން ދިޔަކަން ކަށަވަރީ, އެބައިމީހުންގެ ތެރެއިން މާތް (މަތީ މަޤާމެއްގެ, އާއިލާއެއްގެ, މުއްސަދި) މީހަކު ވައްކަންކޮށްފި (އެބަހީ އެފަދަ ކޮންމެފަދަ ޙައްދަކަށް އަރައިގަނެފި) ނަމަ, އެބައިމީހުން އޭނާގެ މައްޗަށް ޙައްދު ޤާއިމެއް ނުކުރެއެވެ. އަދި ނިކަމެތި މީހަކު ވައްކަންކޮށްފިނަމަ, އެބައިމީހުން އޭނާގެ މައްޗަށް ޙައްދު ޤާއިމްކުރެއެވެ. ﷲ ގަންދީ ބުނަމެވެ! މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަން ކުރެއްވިކަމުގައި ވީނަމަވެސް, ތިމަންކަލޭގެފާނު އެކަމަނާގެ އަތްޕުޅު ކަނޑުއްވާހުށީމެވެ!]

2) އިމާމާ ހަމައަށް މައްސަލަ ދިއުމަށްފަހު, ޙައްދު ވާޖިބުވެފައިވާ މީހެއްގެ ސަފާރިސްކުރުން ނުވަތަ އެފަދަ މީހަކަށް ޝަފާޢަތްތެރިވުމަކީ ކޮންކަހަލަ ކަމެއްކަން ދަލީލާއިއެކު ބަޔާންކުރޭ!

ޖ. އެއީ ޙަރާމްކަމެކެވެ. އަދި އެ ޙައްދު މަޢާފުކުރާމީހާއާއި އެކަމަށް އެދޭމީހާއަށް ﷲ ލަޢުނަތްލައްވައެވެ. އެއް ފަހަރެއްގައި ޞަފްވާން ބުން އުމައްޔާގެ ރިދާއެއް ވަގަށް ނެގި މައްސަލައެއްގައި, ވަގުގެ އަތް ކެނޑުމަށް ޙުކުމް ކުރެވުނު ހިނދު, ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ޞަފްވާން އައިސް ވައްކަންކުރިމީހާއަށް ރަޙުމްކޮށް ޝަފާޢަތްތެރިވިއެވެ. އެހިނދު ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. [ތިޔަކަން ތިމަންކަލޭގެފާނުގެ އަރިހަށް މައްސަލަ ގެނަައުމުގެ ކުރީގައި ކުރިނަމަ ނޫންހެއްޔެވެ؟] އެބަހީ އޭގެ ކުރިންނަމަ މަޢާފުކުރެވުނީހެވެ. އެކަމަކު ވެރިމީހާގެ ކުރިމައްޗަށް މައްސަލަ ހުށަހެޅުމަށްފަހު ތަންފީޛުކުރުން ލާޒިމްވާނެއެވެ. އަދި ޙަރާމްކަމެއްގައި ޝަފާޢަތްތެރިވުމަކީ ނުބައިކަންބޮޑު ފާފައެކެވެ. ﷲ އަންގަވަނީ ހެޔޮކަންތައްތަކުގައި އެއްބާރުލުމަށެވެ. އަދި ނުބައިކަންތައްތަކުގައި އެއްބާރު ނުލުމަށެވެ.

އިތުރަށް ވިދާޅުވެލައްވާ…


سُورَةُ الأَعْلَى ގެ ތަފްސީރު

ސުވާލާއި ޖަވާބު

1) سورة الأعلى ބާވާލެއްވުނީ ކޮންތަނެއްގައި؟ އަދި އޭގެ ދަލީލަކީ ކޮބާ؟

ޖ. އެއީ މައްކިއްޔަ ސޫރަތެކެވެ. ދަލީލަކީ އަލްބަރާއު ބުން ޢާޒިބު އަރިހުން އަލްބުޚާރީ ރވާކުރެއްވި ޙަދީޘްއެވެ. އެ ޙަދީޘްވާގޮތުގައި, އަޞްޙާބުބޭކަލުން މަދީނާއަށް ހިޖުރަކުރައްވަން ފެއްޓެވިއެވެ. އަދި ރަސޫލާ صلى الله عليه وسلم ވަޑައިގެން سَبِّحِ اسْمَ رَبِّكَ الأعْلَى އާއި އެ ސޫރަތާއި އެއްފަދަ ސޫރަތްތަކަކާއި އެކު ކިޔަވައި ދެއްވިއެވެ. އެހެންކަމުން ބާވާލެއްވުނީ މައްކާގައިކަން އެނގިގެންދެއެވެ.

2) سورة الأعلى ގެ މާތްކަމާއި ބެހޭގޮތުން ބަޔާނެއްލިޔޭ!

ޖ. ރަސޫލާ صلى الله عليه وسلم މި ސޫރަތަށް ލޯބިކުރައްވާކަމުގައި ޙަދީޘްއިން ވާރިދުވެފައިވެއެވެ. އަދި މުޢާޛް ބިން ޖަބަލް رضي الله عنه ގެ އަރިހުގައިވެސް ނަމާދުގައި މި ސޫރަތް ވިދާޅުނުވަނީ ކީއްވެތޯ އެކަލޭގެފާނު صلى الله عليه وسلم ސުވާލުކުރެއްވިއެވެ. އަދި ސުންނަތުގެ އަހުލުވެރިން, ދެ ޢީދު ނަމާދުގައްޔާއި ހުކުރު ނަމާދުގައި, އެ ދެދުވެސް އެއްދުހެއްކަމުގައި ދިމާވިޔަސް މިސޫރަތް ކިޔުއްވާ އުޅުއްވައެވެ.

3) سورة الأعلى ގެ މައިގަނޑު ބައިތަކަކީ ކޮބާ؟

ޖ. (ހ) ﷲ ގެ ޞިފަފުޅުތައް – (ސޫރަތުގެ ފެށުމުގައި, އެންމެހާ އުނިސިފަތަކާއި ކަންކަމުން ﷲ ގެ ޛާތުފުޅު ހުސްޠާހިރުވެގެންވާކަން ބަޔާންކޮށް ތަސްބީޙަކިޔުމަށް އަމުރުވެވިގެންވުން)
(ށ) ނަބީކަމާއި ރަސޫލުކަން ޚަތިމްކުރެއްވި ނަބިއްޔާއަށް ބާވާލެއްވުނު ވަޙީ – (އެކަލޭގެފާނު صلى الله عليه وسلم އެ ވަޙީ ހަނދުމަނެތުމުން ސަލާމަތްވެގެންވާކަމާއި, ލުއި ފަސޭހަ ޝަރީޢަތެއް ދެއްވިކަން އެންގެވުން)
(ނ) ދިރުންހުރި ހިތްތައް ތާޒާކުރުވާ ފައިދާދެނިވި ނަޞޭޙަތް – (ސޫރަތުގެ ނިމުމުގައިވަނީ, ފާފަތަކާއި ގޯސްޢަމަލުތަކުން ނަފްސު ޠާހިރުކޮށް, ހެޔޮ ޢަމަލުގައި ދެމިހުރެއްޖެމީހާ ކާމިޔާބުވެއްޖެކަން ކަނޑައަޅުއްވަމުން)

އިތުރަށް ވިދާޅުވެލައްވާ…


އިސްލާމީ ޝަރީޢަތުގެ ތިންވަނަ މަޞްދަރު: إجماع (އިޖުމާޢު)

ސުވާލާއި ޖަވާބު

1) إجماع އަކީ ކޮބާ؟

ޖ. ރަސޫލާ صلى الله عليه وسلم ސުވަރުގެ ވަޑައިގަތުމަށްފަހު ހިނގި ކަމެއްގެ ނުވަތަ ޙާދިޘާއެއްގެ ޝަރުޢީ ޙުކުމާއިމެދު, މުސްލިމުންގެ ހުރިހާ މުޖްތަހިދު ޢިލްމުވެރިން އެއްބަސްވާ އެއްބަސްވުމެވެ.

2) ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި إجماع ނުވެވޭ ސަބަބަކީ ކޮބާ؟

ޖ. އެކަލޭގެފާނަކީ ޝަރުޢީ ހުރިހާ ކެމެއްގައި ރުޖޫޢަވާންޖެހޭ ފަރާތެވެ. އެހެންކަމުން މައްސަލައެއްގެ ޙުކުމާއިމެދު ދެބަސްވުމެއް އަދި އިއްތިފާޤުވުމެއް ތަޞައްވަރެއް ނުކުރެވޭނެއެވެ.

3) إجماع ރުކުންތަކަކީ ކޮބާ؟

ޖ. (ހ) އެކަމެއް ހިނގި ޒަމާނުގައި ގިނަ ޢަދަދެއްގެ މުޖްތަހިދު ޢިލްމުވެރިންތަކެއް ތިއްބެވުން.
(ށ) އެކަމެއް ހިނގިއިރު ތިބި ހުރިހާ މުސްލިމު މުޖްތަހިދު ޢިލްމުވެރިން އެކަމުގެ ޙުކުމާއިމެދު އިއްތިފާޤުވުން.
(ނ) ހުށަހެޅިފައިވާ މައްސަލައާއި ގުޅޭގޮތުން, ކޮންމެ މުޖްތަހިދު ޢިލްމުވެރިއެއްވެސް އެޢިލްމުވެރިއެއްގެ ރައުޔު ޞަރީޚަކޮށް ބަޔާންކުރުން.
(ރ) އެމައްސަލަ އުފެދުނުއިރު އުއްމަތުގައި ތިބި ހުރިހާ މުޖްތަހިދު ޢިލްމުވެރިން އޭގެ ޙުކުމާއިމެދު އިއްތިފާޤުވުން.

އިތުރަށް ވިދާޅުވެލައްވާ…


ޢަބްދުﷲ އިބްނު ޢުމަރު – رضي الله عنه

އަޞްލު ނަންފުޅު: ޢަބްދުﷲ ބުން ޢުމަރު ބުން އަލްޚައްޠާބް (عبد الله بن عمر بن الخطاب)
މަޝްހޫރު ނަންފުޅު (ކުންޔާ): އަބޫ ޢަބްދުއްރަޙްމާން (أبو عبد الرحمن)
ބައްޕާފުޅު: ޢުމަރު ބުން އަލްޚައްޠާބު (عمر بن الخطاب – رضي الله عنه) 2 ވަނަ ޚަލީފާ ޢުމަރުގެފާނު
މަންމަފުޅު: ޒައިނަބް ބިންތު މަޡްޢޫން (زينب بنت مظعون – رضي الله عنها)
އިސްލާމްވެވަޑައިގަތުން: ޢުމުރުން 10 އަހަރުގައި, އެކަލޭގެފާނުގެ ބައްޕާފުޅު ޢުމަރުގެފާނު އިސްލާމްވެވަޑައިގަތުމާއިއެކު.
މަދީނާއަށް ހިޖުރަކުރެއްވުން: ބައްޕާފުޅަށް ވުރެ ކުރިން.
ރިވާކުރެވުނު ޙަދީޘްގެ ޢަދަދު: 2630 ހަދީޘް, އޭގެތެރެއިން 280 ޙަދީޘް ޞަޙީޙުލް ބުޚާރީ އަދި ޞަޙީޙް މުސްލިމްގައިވޭ.
ރިވާކުރެއްވި ޢިލްމުވެރިން: އަލްއިމާމުއްޒުހުރީ, މާލިކް, ސަޢީދު ބުނުލްމުސައްޔަބް, ހަސަނުލް ބަޞަރީ ފަދަ މަތިވެރި ބޭކަލުން.
އަވަހާރަވުން: ހިޖުރައިން 73 ވަނަ އަހަރު, ޢުމުރުފުޅުން 84 އަހަރުގައި.
އިތުރު މައުލޫމާތު:

- އަޞްޙާބުބޭކަލުންގެ ތެރެއިން އެންމެ ގިނަ ޙަދީޘް ރިވާކުރެއްވި 7 ޞަޙާބީންގެ ތެރެއިން 2 ވަނަ ޞަޙާބީއެވެ.
- އުއްމުލް މުއުމިނީން ޙަފްޞާ رضي الله عنها ގެ އެއްބަޑު އެއްބަފާ ބޭފުޅެކެވެ.
- ޞަޙާބީންގެ ތެރެއިން ފަޠުވާ ދެއްވުމުގައި އެންމެ މަޝްހޫރުވެގެންދިޔަ [ޢަބްދުﷲ] ކިޔުނު 4 ބޭކަލުން (ނުވަތަަ العبادل) ގެ ތެރެއިން ބޭކަލެކެވެ. އެބޭކަލުން رضي الله عنهم އަކީ:

އިތުރަށް ވިދާޅުވެލައްވާ…


ދޫރައްކާތެރިކުރުން

ސުވާލާއި ޖަވާބު

1) ދޫރައްކާތެރިކުރުމާއި ބެހޭގޮތުން ކިޔެވި ޙަދީޘާއި މާނަ ލިޔޭ!

ޖ. ޢަބްދުﷲ އިބްނު ޢުމަރު رضي الله عنها ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީިްކުރެއްވިއެވެ. لاَ تُكْثِرُوا الْكَلاَمَ بِغَيْرِ ذِكْرِ اللهِ فَإِنَّ كَثْرَةَ الْكَلاَمِ بِغَيْرِ ذِكْرِ اللهِ قَسْوَةٌ لِلْقَلْبِ وَإِنَّ أَبْعَدَ النَّاسِ مِنَ اللهِ القَلْبُ القَاسِى މާނައީ [ﷲގެ ޛިކުރުކުރުން ފިޔަވައި އެހެން ވާހަކަތައް ތިޔަބައިމީހުން ގިނަނުކުރާށެވެ. ފަހެ, ﷲގެ ޛިކުރުކުރުން ނުވާ ގިނަ ވާހަކަތަކަކީ ހިތް ހަރުކަށިކުރާ (މަޑުމޮޅިކަމާއި, އޯގާތެރިކަމާއި, ﷲއަށް ޚުޝޫޢަތްތެރިވުން ފަދަ ޞިފަތަކުން ދުރުކުރާ) ކަމެކެވެ. އަދި ﷲގެ ޙަޟްރަތާ އެންމެ ދުރުވެގެންވާ މީހަކީ ހަރުކަށި ހިތުގެވެރިންނެވެ.]

2) މި ޙަދީޘުން އަހަރެމެންނަށް ބަޔާންކޮށްދެނީ ކޮންކަމެއް؟

ޖ. ދުނިޔޭގެ ހެވާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބެނިވި ޢަމަލަކީ, ﷲގެ ޛިކުރުކުރުމުގެ ސަބަބުން ހިތް ރައްކާތެރިކުރުމެވެ.

3) ޤިޔާމަތްދުވަހު ފައިދާ ލިބޭނެ މީހަކީ ﷲގެ ޙަޟްރަތަށް ސަލާމަތްތެރި ހިތަކައިގެން ދާ ޞާލިޙުމީހާއެވެ. އެފަދަ ޞާލިޙުމީހެއްގެ ހިތުގެ ބައެއް ޞިފަތައް ބަޔާންކުރޭ!

ޖ. (ހ) ޙައްޤަށްކުރިމަތިލައި ޙައްޤު ބަލައިގަތުން.
(ށ) ޙައްޤަށް ހިތް ތަނަވަސްވެގެން ދިއުން.
(ނ) އީމާންކަމުގެ ގޮވާލުމަށް ޢިޖާބަދިނުން.
(ރ) ޛިކުރުކުރުން.
(ބ) ޤުރުއާނާއި ސުންނަތަށް ތަބާވުން.
(ޅ) ނިޢުމަތާއި ނިޤްމަތަށް ޝުކުރުކުރުމާއި ޔަޤީންވުން.

އިތުރަށް ވިދާޅުވެލައްވާ…


އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު: الْحَدِيث

ސުވާލާއި ޖަވާބު

1) ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް ޢަމަލު ކުރުން ވާޖިބުކަމަށްވާ ދަލީލަކީ ކޮބާ؟

ޖ. ޤުރްއާނުން:- އައްނިސާ ސޫރަތުގެ 59 ވަނަ އާޔަތެވެ. يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الأمْرِ مِنْكُمْ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلا މާނައީ [އޭ އީމާންވިމީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށާއި أُولِي الأمْرِ ންއަށް ކިޔަމަންތެރިވާށެވެ! ފަހެ, ކަމަކާއިމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ, ﷲ އަށާއި ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ އެކަމާމެދު ﷲއާއި ރަސޫލާގެ ޙުކުމް އޮތްގޮތް ބަލައި އެގޮތަށް ޢަމަލުކުރާށެވެ!) ތިޔަބައިމީހުން ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑީ އެގޮތެވެ.]
އަދި އަލްޙަޝްރު ސޫރަތުގެ 7 ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ. وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا މާނައީ [އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި ފަހެ ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެކަމަކުން ތިޔަބައިމީހުން ދުރުވެ ގަންނާށެވެ!]
ސުންނަތުން
:- ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. إِنِّي تَرَكْتُ فِيكُمْ شَيْئَينِ لَنْ تَضِلُّوا بَعدِهِمَا كِتَابَ اللهِ و سُنَّتِي މާނައީ [ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއަށް ދެ އެއްޗެއް ދޫކުރެއްވީމެވެ. (އެ ދޭތީގައި ހިފަހައްޓައިފިނަމަ) ތިޔަބައިމީހުން މަގުފުރެދިގެން ނުދާނެއެވެ. (އެއީ) ﷲގެ ފޮތާއި ތިމަންކަލޭގެފާނުގެ ސުންނަތެވެ.]

އިތުރަށް ވިދާޅުވެލައްވާ…


އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަޞްދަރު: القُرْآن

ސުވާލާއި ޖަވާބު

1) ކީރިތި ޤުރްއާނަށް [قُرْآن] މި ނަން ދެވުނީ ކިހިނެއް؟

ޖ. އަލްޤިޔާމަތު ސޫރަތުގެ 17-18 ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ. إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ. فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ. މާނައީ [ހަމަކަށަވަރުން އެ ޤުރްއާން (ކަލޭގެފާނަށް) ކިޔަވާ ވިދާޅުވެވޭގޮތަށް ދަސްކޮށްދެއްވުން ވަނީ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. ފަހެ, (ޖިބްރީލް عليه السلام މެދުވެރިކުރައްވާ) އެ ޤުރްއާން ބާވާލައްވަވާ ހިނދު ކަލޭގެފާނު އެކިޔަވާ އަޑުއައްސަވާށެވެ.] القُرْآن ނަޤުލްވެފައިވަނީ މަޞްދަރުގެ މާނާގައެވެ. القِرَاءَةُ (ކިޔެވުން) މި މާނާގައިވެސް ބޭނުންކުރެވެއެވެ. އަދި ކަމުގެ ރައްދުވާއަށް މަޞްދަރު ބޭނުންކުރާ އުޞޫލުން, ﷲ ގެ ކަލާމްފުޅަށް ބޭނުންކުރެވުނެވެ.

2) ކީރިތި ޤުރްއާނަށް ދެވިފައިވާ އެހެން ދެ ނަމެއް ދަލީލާއިއެކު ބަޔާންކުރޭ!

ޖ. (ހ) الفُرْقَان: އަލްފުރުޤާން ސޫރަތުގެ ފުރަތަމަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ. تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَى عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا މާނައީ [އިންސާނުންނާއި ޖިންނީންނަށް އިންޛާރުކުރައްވާ ބޭކަލަކުކަމުގައި, އެކަލާނގެ އަޅާއަށް الفُرْقان (ހެވައި ނުބައި ވަކިކޮށް އަންގައިދޭ މިންގަނޑު) ބާވާލެއްވި ކަލާނގެ މަތިވެރިވެ މާތްވެވޮޑިގެންފިއެވެ.]
(ށ) الذِّكْر: އަލްއަންބިޔާ ސޫރަތުގެ 50 ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ. وَهَذَا ذِكْرٌ مُبَارَكٌ أَنْزَلْنَاهُ މާނައީ [މިއީ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވާލެއްވި ބަރަކާތްތެރި ޛިކުރެވެ.]

އިތުރަށް ވިދާޅުވެލައްވާ…


الثقافة الإسلامية

ސުވާލާއި ޖަވާބު

1) އިސްލާމީ ޘަޤާފަތޭ ބުނުމުން ދޭވަހާ މާނައަކީ ކޮބާ؟

ޖ. (ހ) އިސްލާމީ ޝަރީޢަތާއި, ޢަޤީދާއާއި, އަޚުލާޤާއިބެހޭ ޝަރުޢީ ނައްޞުތައް ދިރާސަކުރުމުން, ފިކުރީ އަދި ޢިލްމީގޮތުން ޙާޞިލްވާ ޙާޞިލްވުމެވެ.
(ށ) އިސްލާމީ ޙަޟާރަތާއި, ބަހާއި, ދީން އަދި ދިރިއުޅުމުގެ ޤަވާޢިދުތައް ކުރިއެރުވުމަށް އެހާރާއި މިހާރު ކުރެވުނު އަދި ކުރެވޭ ކަންތައްތައް ފުރިހަމައަށް ދެނެގަތުމާއި އެކު އިސްލާމީ އުއްމަތުގެ ލަނޑުދަނޑިތައް ފުރިހަމައަށް ދެނެގަތުމެވެ.

2) އިސްލާމީ ޘަޤާފަތުގެ މަސްދަރުތަކަކީ ކޮބާ؟

ޖ. (ހ) ކީރިތި ޤުރުއާން
(ށ) ރަސޫލާ صلى الله عليه وسلم ގެ ސުންނަތް
(ނ) އިސްލާމީ ފިޤްހު
(ރ) އިސްލާމީ ތާރީޚް

އިތުރަށް ވިދާޅުވެލައްވާ…


ސައްޔިދު ސާބިޤް ލިޔުއްވި فقه السنّة ފޮތުން

ފެން ބެހިގެންވާބައިތައް

ސުވާލާއި ޖަވާބު

1) ފެން ބެހިގެންވާ ބައިތަކަކީ ކޮބާ؟

ޖ. (ހ) مُطْلَق ފެން
(ށ) مُسْتَعْمَل ފެން
(ނ) طاهر އެއްޗެއް އެކުވެފައިވާ ފެން
(ރ) نجس އެކުލެވިގެންވާ ފެން

2) مطلق ފެނަކީ ކޮބާ؟ އަދި مطلق ފެނުގެ حكم އަކީ ކޮބާ؟

ޖ. އެއީ އަމިއްލަ ޒާތުގައި طاهر އަދި އެހެން ތަކެތި طاهر ކުރާ ފެނެވެ. ފެނުގެ حكم އަކީ طاهر އެވެ.

3) مطلق ފެން ބެހޭ ބައިތަކަކީ ކޮބާ؟ ދަލީލާއި އެކު ބަޔާންކުރޭ!

ޖ. (ހ) ވާރޭފެން، ގަނޑުފެން އަދި ފިނިފެން:
ދަލީލަކީ ﷲ تعالى ގެ ވަޙީބަސްފުޅު وَيُنَزِّلُ عَلَيْكُمْ مِنَ السَّمَاءِ مَاءً لِيُطَهِّرَكُمْ بِهِ [އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި އުޑުން ވާރޭ ވެއްސެވީމެވެ. އެއިން ތިޔަބައިމީހުން ޠާހިރުވުމަށްޓަކައެވެ.] އަދިވެސް ﷲ تعالى ވަޙީކުރެއްވިއެވެ. وَأَنْزَلْنَا مِنَ السَّمَاءِ مَاءً طَهُورً [އަދި ތިމަންރަސްކަލާނގެ އުޑުން ޠާހިރުފެން ވެއްސެވީމެވެ.]
މިކަމަށް حديث އިންވާ ދަލީލަކީ، ނަމާދުގެ އިފްތިތާޙުގެ ދުޢާއެއްގައި ރަސޫލާ (صلى الله عليه وسلم) ވިދާޅުވެލެއްވެވިއެވެ. اللهُمَّ اغْسِلْنِي مِنْ خَطَايَايَ بِمَاءِ الثَّلْجِ وَالْبَرَدِ [ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ފިނިފެނާއި ގަނޑުފެނުން މިއަޅާގެ ކުށްތައް ދޮންނަވާނދޭވެ!]

އިތުރަށް ވިދާޅުވެލައްވާ…


سورة الفـَاتِحَة ގެ ތަފްސީރު

ސުވާލާއި ޖަވާބު

1) ޤުރުއާނުގެ އެންމެ ފުރަތަމަ ސޫރަތަށް އަލްފާތިޙާ އޭ ކިޔުނީ ކީއްވެ؟

ޖ. އެއީ ކީރިތި ޤުރުއާން ފެށިފައިވަނީ މިސޫރަތުންކަމުގައި ވާތީއެވެ.

2) ސޫރަތުލް ފާތިޙާއަށް ކިޔޭ އެހެން ބައެއް ނަންތައް ލިޔޭ!

ޖ. އުއްމުލް ކިތާބް, އުއްމުލް ޤުރުއާން, ސަބްޢުލް މަޘާނީ, އައްރުޤްޔަތު, އައްޝިފާ, އައްޞަލާތު, އައްކަންޒު, އަލްއަސާސު, އަލްކާފިޔަތު.

3) އުއްމުލް ޤުރުއާނާއި އުއްމުލް ކިތާބު ކިޔޭކަމުގެ ދަލީލަކީ ކޮބާ؟

ޖ. އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘްގައި ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. [އަލްޙަމްދަކީ އުއްމުލް ޤުރުއާނެވެ. އަދި އުއްމުލް ކިތާބް އަދި ސަބްޢުލް މަޘާނީއެވެ.] (ރިވާކުރެއްވީ އައްތިރްމިޛީ)

4) ސޫރަތުލް ފާތިޙާއަށް ‘އުއްމުލް ކިތާބް’ ކިޔުނު ސަބަބާއިމެދު އިމާމް ބުޚާރީ ވިދާޅުވަނީކީކޭ؟

ޖ. (ހ) މުޞްޙަފު ފެށިފައިވަނީ އެސޫރަތުން ކަމުގައިވުން.
(ށ) މުޅި ޤުރުއާނުގެ މައިގަނޑު މަޤްޞަދު އެސޫރަތުގައި ބަޔާންވެގެންވުން.
(ނ) ނަމާދުގައި އެންމެ ފުރަތަމަ ކިޔޭ ސޫރަތަކީ އެސޫރަތްކަމުގައިވުން.

އިތުރަށް ވިދާޅުވެލައްވާ…

Follow

Get every new post delivered to your Inbox.